ބޯހިޔާވަހިކަން ލިބޭ ރަށަކަށް ވަގުތުން ރަށްވެހިކަން ބަދަލުކުރެވޭ އިސްލާހެއް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމެވެ.
މިހާރު ޢަމަލުކުރަމުންދާ ޤާނޫނު އޮންނަ ގޮތުންނަމަ، މީހެއްގެ ރަށްވެހިކަން އެހެން ރަށަކަށް ބަދަލުކުރެވޭނީ އެ ރަށެއްގައި މެދުކެނޑުމެއްނެތި ފަސް އަހަރު ވަންދެން ދިރިއުޅުމަށް ފަހުގައެވެ. ނަމަވެސް، އަލަށް ގެނެވޭ އިސްލާހުގެ ދަށުން މި އުސޫލު އުވި، ޝަރުތުތަކަކާ އެކު ވަގުތުން ރަޖިސްޓަރީ ބަދަލުކުރެވޭނެއެވެ.
މި އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުގައި، ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢެއްގެ ތެރެއިންވިޔަސް، ނުވަތަ އަމިއްލަ ގޮތުން ގަންނަ ގަތުމަކުން ކަމަށްވިޔަސް، އަދި ވާރުތައިން ނުވަތަ ހިބައިން ނުވަތަ ޝަރުޢީ ކޯޓެއްގެ ނިންމުމަކުން ކަމަށްވިޔަސް، މީހަކަށް ގޯއްޗެއް، ފްލެޓެއް ނުވަތަ އެނޫން ވެސް ދިރިއުޅޭނެ ތަނެއްގެ މިލްކުވެރިކަން ލިބިއްޖެނަމަ އެ ރަށެއްގެ ރަށްވެހިކަމަށް އެދުމުގެ ޙައްޤު އެމީހަކަށް ލިބިގެންވެއެވެ.
މިގޮތަށް ރަށްވެހިކަން ބަދަލުކުރުމަށް އެދޭ ފަރާތްތަކުން، އެމީހަކަށް ބޯހިޔާވަހިކަން ލިބިފައިވާކަން އަންގައިދޭ ރަސްމީ ކިތާބީ ހެކިތައް ކަމާބެހޭ އިދާރާތަކަށް ހުށަހަޅަންޖެހޭނެއެވެ. މި ލިޔެކިޔުންތަކުގެ ސައްހަކަން ކަށަވަރުކުރުމަށް ފަހު، އެމީހެއްގެ ނަން ކުރީގެ ރަށުގެ ދަފުތަރުން އުނިކޮށް، އާ ރަށުގެ ރަށްވެއްސެއްގެ ގޮތުގައި ހަމަޖައްސައިދޭންޖެހޭނެ ކަމަށް ބިލުގައި ބުނެފައިވެއެވެ. އަދި ހަމައެއާ އެކު، އެއްވެސް ފަރުދަކަށް އެއްފަހަރާ ދެ ރަށެއްގެ ރަށްވެއްސަކަށް ނުވެވޭނެކަން ވެސް މި އިސްލާހުގައި ސާފުކޮށްދީފައިވެއެވެ.




