އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރަކަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
ސިޔާސީ ޕާޓީތަކާއި އިންތިހާބުތަކާ ބެހޭ ކަންކަން ބަލަހައްޓާ އެ ކޮމިޝަނުން މަގާމެއް ހުސްވީ، އެ ކޮމިޝަންގެ ރައީސަކަށް އެންމެ ފަހުން ހުންނެވި މުހައްމަދު ޒާހިދު މިދިޔަ މަހުގެ އިސްތިއުފާ ދެއްވުމުންނެވެ.
އެހެންކަމުން އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ފެނިވަޑައިގަންނަވާ ނަމެއްގެ ގޮތުގައި މަޖިލީހަށް ފޮނުއްވީ ޝަކީލްގެ ނަމެވެ.
އެ މައްސަލައިގައި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އިއްޔެ ވަނީ ޝަކީލް ހާޒިރުކޮށް އޭނާއާ އިންޓަވިއުކޮށްފަ އެވެ. އަދި އޭނާއަށް ރުހުން ދިނުމަށް މަޖިލީހުގެ ތަޅުމަށް މައްސަލަ ފޮނުވި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އީސީގެ މެމްބަރަކަށް ޝަކީލް އައްޔަންކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ ޖަލްސާއަށް ހާޒިރުވެވަޑައިގަތް 60 މެމްބަރުންގެ ތެރެއިން 51 މެމްބަރުންގެ އިއްތިފާގުންނެވެ. އޭނާ އެ މަގާމަށް އައްޔަންކުރަން ނުފެންނަ ކަމަށް ހަތް މެމްބަރަކު ވޯޓު ދެއްވިއެވެ.
އެހެންވެ، މިއަދުގެ ވަގުތެއްގައި ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރުކަމުން ޝަކީލް އިސްތިއުފާ ދެއްވާނެ ކަަމަށް އެނގިފައިވެއެވެ.
ޝަކީލް ވަނީ މީގެ ކުރިން ވެސް އީސީގައި މަސައްކަތް ކުރައްވައިފަ އެވެ. އެގޮތުން އެ ކޮމިޝަންގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގެ އިތުރުން ކޮމިޝަނުގެ މެމްބަރުކަން އޭނާ ކުރެއްވި އެވެ. އަދި މެމްބަރުކަމުގައި ތިން އަހަރު މަސައްކަތް ކުރެއްވުމަށްފަހު، އެ މަގާމުން އިސްތިއުފާ ދެއްވީ 2018 ވަނަ އަހަރުއެވެ.



