ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބިނާކުރުމަށް ސަރުކާރުން ނިންމާފައިވާ ކެންސަރު ހޮސްޕިޓަލް 2028ވަނަ އަހަރު އައުމުގެ ކުރިން ބަލި ދެނެގަތުމާއި އަސާސީ ފަރުވާގެ ޚިދުމަތްތައް ފެށުމަށް އަމާޒު ހިފާފައިވާކަން ހެލްތު މިނިސްޓަރު ޤީލާ އަލީ ހާމަކުރައްވައިފިއެވެ.
މިކަން މިނިސްޓަރު ހާމަކުރައްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
އެގޮތުން ޤީލާ ވިދާޅުވީ، އަލަށް ބިނާކުރާ މި ހޮސްޕިޓަލަކީ 500 އެނދު އެކުލެވޭ މަލްޓިސްޕެޝަލިޓީ މަރުކަޒެއް ކަމަށާއި، އޭގެ ތެރެއިން 25 އެނދު ޚާއްސަކުރެވިފައި ހުންނާނީ ހަމައެކަނި ކެންސަރު ބަލީގެ މީހުންނަށް ފަރުވާ ދިނުމަށް ކަމަށެވެ. އަދި މައިންނާއި ކުޑަކުދިންގެ ސިއްހަތާ ގުޅޭ ޚާއްސަ ފަރުވާތައްވެސް މި މަރުކަޒުން ލިބޭނެކަން ވަނީ ފާހަގަކުރައްވާފައެވެ.
”މި މަޝްރޫޢުގެ މަސައްކަތް އެކި މަރުހަލާތަކަށް ބަހާލައިގެން ކުރިއަށްދާއިރު، އަޅުގަނޑުމެންގެ އަމާޒަކީ 2028ގެ ކުރިން ކީމޯތެރަޕީ، ރޭޑިއޯތެރަޕީ އަދި ޕެޓް ސްކޭން ފަދަ މުހިންމު ޚިދުމަތްތައް ފެށުން“ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގައި ކެންސަރު ބަލީގެ ޙާލަތު އޮތްގޮތަށް އަލިއަޅުއްވާލައްވަމުން ޤީލާ ހާމަކުރެއްވި ތަފާސްހިސާބުތަކަށް ބަލާއިރު، 2025ވަނަ އަހަރު އެކަނި ވެސް 120 މީހަކު (67 އަންހެނުންނާއި 53 ފިރިހެނުން) ވަނީ އަލަށް މި ބައްޔަށް ރަޖިސްޓްރީވެފައެވެ. އަދި އާސަންދަ ސްކީމް މެދުވެރިކޮށް މިހާތަނަށް 5755 މީހަކު ކެންސަރުގެ ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާފައިވާއިރު، އެކަމަށް ދައުލަތުގެ ބަޖެޓުން 374 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަމަށް ވިދާޅުވިއެވެ.
މިވަގުތު އައިޖީއެމްއެޗް އަދި ހުޅުމާލެ ހޮސްޕިޓަލުގައި ކެންސަރަށް ފަރުވާދިނުމަށް 9 އެނދު ޚާއްޞަކޮށްފައިވާއިރު، އައްޑޫ ސިޓީއާއި، ހދ، ޅ، ރ، އަދި ގދ އަތޮޅުގައި މި ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އުރަމަތީގެ ކެންސަރު ދެނެގަތުމަށް ބޭނުންކުރާ މެމޯގްރާމްގެ ޚިދުމަތް 5 ރީޖަނަލް ހޮސްޕިޓަލަކާއި، ބ. އަތޮޅު ހޮސްޕިޓަލުގެ އިތުރުން ފުވައްމުލަކުގައި މިހާރު ލިބެން ހުންނާނެކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތުދެއެވެ.
މީގެ އިތުރުން، އާސަންދައިގެ ދަށުން އިންޑިއާގެ 15 ހޮސްޕިޓަލަކާއި ސްރީލަންކާގެ 2 ހޮސްޕިޓަލަކުން ފަރުވާ ހޯދޭނެ އިންތިޒާ މުވެސް ވަނީ ހަމަޖެހިފައެވެ.



