ހދ. ހަނިމާދޫގެ ކައުންސިލަށް ޖުލައި މަހު ގްރާންޓު ދޫކުރާނީ އެ އަތޮޅު ހިރިމަރަދުއަށް ކަނޑައަޅާ ގްރާންޓު ހިމަނައިގެން ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީން ބުނެފިއެވެ.
ސަރުކާރުން ވަނީ ހިރިމަދޫގެ ރައްޔިތުން ހަނިމާދުއަށް ބަދަލުކުރުމަށް ނިންމާފައެވެ. އަދި އަލަށް އިންތިޚާބުވި ލޯކަލް ކައުންސިލާއެކު، އެ ރަށުގެ ރައްޔިތުން އިދާރިގޮތުން ހަނިމާދޫގެ ރައްޔިތުންގެ ގޮތުގައި ވަނީ ހިމަނާފައެވެ. މިފަހަރުގެ އިންތިޚާބުގައި އެރަށުގެ ރައްޔިތުން ވޯޓު ދީފައިވަނީވެސް، ހަނިމާދޫގެ ކައުންސިލް އިންތިޚާބު ކުރުމަށެވެ.
ހަނިމާދޫ ކައުންސިލުން އިއްޔެ ވިދާޅުވީ، ހިރިމަރަދޫގެ ކަންކަން ހަމަޖެއްސުމަށް ހަނިމާދޫ ކައުންސިލަށް ސަރުކާރުން ބަޖެޓު ނުދޭ ކަމަށާއި މިމަހު އެ ރަށުގެ ޚަރަދުތައް ބަލަހައްޓާފައިވަނީ މިއަހަރު ހަނިމާދުއަށް ލިބުނު ގްރާންޓްގެ ތެރެއިންކަމަށެވެ.
ހިރިމަރަދޫއަކީ ހަނިމާދޫގެ އަވަށު އޮފީހެއްގެ ގޮތުގައި ވަނީ ހިމަނާފައެވެ. ނަމަވެސް އިތުރުވި އާބާދީއަށް ބަޖެޓު ނުލިބޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، ކުރި ޚަރަދުގެ ތަފްސީލް ހަނިމާދޫ ކައުންސިލުން ނެރެފައިވެއެވެ. މުވައްޒަފުންގެ މުސާރައާއި އެހެނިހެން ޚަރަދު ހިމޭނޭހެން 267،780.43 ރުފިޔާ ޖޫން މަހު ހޭދަކުރިކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ.
މިކަމާ ގުޅިގެން ލޯކަލް ގަވަމަންޓް އޮތޯރިޓީން ބުނީ، މިއަހަރަށް ބަޖެޓު ހަދާފައިވަނީ އިދާރީ ވަކި ދެ ރަށެއްގެ ގޮތުގައިކަމަށެވެ. އެހެންކަމުން ހިރިމަރަދޫ ރައްޔިތުން ހަނިމާދުއަށް ބަދަލުކުރުމުގެ ނިންމުމާގުޅިގެން، އިދާރީ މުހިންމު ކަންތައްތަކެއް ހަމަޖައްސަންޖެހޭނެކަމަށާއި އެކަންކަން ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ހަމަޖައްސަމުންދާކަމަށް ހަނިމާދޫ ކައުންސިލަށް އަންގާފައިވާނެކަމަށެވެ. އަދި ގްރާންޓްވެސް ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާކަން އަންގާފަވާނެ ކަމަށެވެ.
ޖުލައި މަހުގެ ގްރާންޓް ހަނިމާދުއަށް ޖަމާވާނީ ހިރިމަރަދޫގެ ރައްޔިތުންގެ ޚަރަދުތައް ހިމެނޭގޮތަށް ކަމަށާއި މީގެއިތުރުން، އެ ކައުންސިލުން މިމަހު ހިރިމަރަދުއަށް ކުރި ޚަރަދުވެސް ހިމެނޭހެން ޖަމާކުރާނެކަމަށް ވެސް ބުންޏެވެ.



