އިތުރު ދެމީހަކަށް ހިމަބިހި ޖެހި، އަހަރުގެ މިހާތަނަށް ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 22 އަށް އަރާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
މި ބަލި ފެތުރުން ހުއްޓުވުމަށްޓަކައި އެޗްޕީއޭއިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ.
އެގޮތުން ހުންއައިސް، ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް ޞިއްޙީ ފަރުވާ ހޯދުމަށާއި، ފަރުވާ ހޯދަން ދާއިރު މާސްކު އެޅުމަށް އެ އެޖެންސީން ވަނީ ހަނދާންކޮށްދީފައެވެ.
މީގެ އިތުރުން ހިމަބިއްސަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުމަށާއި، ބަލީގެ އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށްވެސް ވަނީ އަންގާފައެވެ.
ހިމަބިއްސަކީ ”މީސްލްސް ވައިރަސް“ ގެ ސަބަބުން ޖެހޭ، ވައިގެ ޒަރިއްޔާއިން ވަރަށް ހަލުވިކަމާއެކު ފެތުރޭ ނުރައްކާތެރި ބައްޔެކެވެ. މިއީ ޕެރަމިކްސޯ ވައިރަސްގެ ތެރޭގައި ހިމެނޭ ”މޯބިލިވައިރަސް“ ގެ ވައްތަރެކެވެ. މި ބަލި އާންމުކޮށް ކުޑަކުދިންނަށް ޖެހުނު ކަމުގައި ވިޔަސް، ހުރިހާ އުމުރެއްގެ މީހުންނަށްވެސް މި ބަލި ޖެހުމުގެ ފުރުސަތު އޮވެއެވެ.
ޞިއްޙީ މާހިރުން ފާހަގަކުރާ ގޮތުގައި ބަލިޖެހިފައިވާ މީހާގެ ފުށުން އެހެން މީހުންނަށް ބަލި ފެތުރެނީ ގައިގައި ބިހިތައް ނަގަން ފެށުމުގެ 4 ނުވަތަ 5 ދުވަސް ކުރިންނާއި، ބިހިތައް ފެނުމަށްފަހު 4 ނުވަތަ 5 ދުވަސް ހަމަވަންދެންނެވެ. ބަލިޖެހިފައިވާ މީހަކާއެކު އުޅޭ މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު 90 އިންސައްތައަށް އޮންނައިރު، ބަލި ފެތުރެނީ ބަލިޖެހިފައިވާ މީހާ ކެއްސައި ކިނބިހި އެޅުމުގެ ތެރޭގައި ވައިގެ ތެރެއަށް ބޭރުވާ ވައިރަސް ނޭވާލުމުގެ ޒަރިއްޔާއިން ހަށިގަނޑަށް ވާސިލުވެގެންނެވެ.
މި ބަލިން ރައްކާތެރިވުމަށް އޮތް އެންމެ ފަހި މަގަކީ ވެކްސިން ފުރިހަމަކުރުމެވެ. ރާއްޖޭގެ ގައުމީ ވެކްސިން ޕްރޮގްރާމްގެ ދަށުން ކުއްޖާގެ އުމުރުން 9 މަހުގައި އެމްއާރު (MR) ވެކްސިން ދެމުންގެންދެއެވެ. މިއީ ހިމަބިހި އަދި ރުބެއްލާ އިން ރައްކާތެރިކޮށްދޭ ވެކްސިނެކެވެ.
މީގެ އިތުރުން އެމްއެމްއާރު (MMR) ވެކްސިންވެސް ގަވާއިދުން ދެމުން ގެންދެއެވެ.


