ބައިނަލްއަޤްވާމީ އޮލިމްޕިކް ދުވަހާއި ޕަބްލިކް ސާވިސް ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.
އެކްސްގައި ވަކިވަކިން ކުރެއްވި ޕޯސްޓުގެ ތެރެއިން ބައިނަލްއަޤްވާމީ އޮލިމްޕިކް ދުވަހުގެ މެސެޖުގައި ރައީސް ވަނީ ކުޅިވަރުގެ މައިދާނުގައި ހަރަކާތްތެރިވާ ކުޅުންތެރިންނާއި، ކޯޗުން އަދި އުންމީދީ ޒުވާނުންގެ އަގު ވަޒަންކުރައްވާފައެވެ.
ރައީސް ވިދާޅުވީ ކާމިޔާބީގެ އަސްލަކީ ވަރުގަދަ ޢަޒުމާއި، ނަމޫނާ އަޚްލާޤާއި، ނުގުޑާފަދަ ހިތްވަރުކަން މި ދުވަހުން ހަނދާންކޮށްދޭ ކަމަށެވެ. އަދި ޒުވާނުންނަކީ ކުޅިވަރާއި ހަށިހެޔޮކަމަށް ލޯބިކުރާ ބަޔަކަށް ހެދުމަށާއި، އެކުދިންގެ ކިބައިގައިވާ ފުރިހަމަ ޤާބިލިއްޔަތު ހާމަކުރުމަށް ފުރުޞަތުތައް ފަހިކޮށްދިނުމުގައި ސަރުކާރު ދެމިއޮންނާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ކުޅިވަރުގެ ޒަރީޢާއިން ޒުވާނުން ބާރުވެރިވެ، ޤައުމު އިތުރަށް ވަރުގަދަވެ، ދުނިޔޭގެ އެކި ޤައުމުތަކާއި ރައްޔިތުންގެ މެދުގައި އެކުވެރިކަމުގެ ބަދަހި ގުޅުންތަކެއް ޤާއިމްވެގެން ދިއުމަކީ އެމަނިކުފާނުގެ އުންމީދެއް ކަމަށެވެ.
ޕަބްލިކް ސާވިސް ދުވަހުގެ މުނާސަބަތުގައި ރައީސް ކުރެއްވި ޕޯސްޓުގައި، މުޖުތަމަޢުތަކުގެ ކުރިއެރުމަށާއި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ވަރުބަލިކަމެއްނެތި މަސައްކަތް ކުރައްވާ ޚިދުމަތްތެރިންގެ އިޚްލާޞްތެރި މަސައްކަތްތަކުގެ އަގު ވަޒަންކުރެއްވިއެވެ. ޚާއްޞަކޮށް ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި މަސައްކަތްކުރާ ފަރާތްތަކަށް ރައީސް ތަޢުރީފު ކުރެއްވިއެވެ.
ދައުލަތުގެ މުއައްސަސާތައް ހަރުދަނާކުރުމަށާއި، ނަޒާހަތްތެރިކަމާއެކު ޚިދުމަތްކުރާ ފަރާތްތަކަށް އެއްބާރުލުން ދިނުމުގައި ދިވެހި ސަރުކާރުން ދެމިއޮންނާނެކަމުގެ ޔަޤީންކަން ރައީސް ވަނީ އަލުން ކަށަވަރުކޮށްދެއްވާފައެވެ.
އަދި ދިވެހިރާއްޖޭގެ ޚިދުމަތްތެރިންނާއި މުއައްސަސާތަކުން ރައްޔިތުންގެ ލާބައަށްޓަކައި ކުރައްވާ މަސައްކަތްތަކަށް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.




