މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުން މުހައްމަދު ޝަކީލް އިސްތިއުފާ ދެއްވައިފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ހާމަކުރި ގޮތުގައި ޝަކީލް ވަނީ ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މަގާމުންނާއި ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުން އިސްތިއުފާ ދިނުމަށް ހުށަހަޅާފައެވެ.
ވީމާ، އެ އިސްތިއުފާ ޤަބޫލުކޮށް އޭނާ މިހާރު މަޤާމުން ވަކިކޮށްފައިވާ ކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ބުންޏެވެ.
ޝަކީލް ހައްޖު ކޯޕަރޭޝަންގެ އެމްޑީގެ މަޤާމުން އިސްތިއުފާ މި ދެއްވީ، އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމާއި މެންބަރުކަމުން މުހައްމަދު ޒާހިދު އިސްތިއުފާ ދެއްވުމާ ގުޅިގެން ހުސްވެފައިވާ މެންބަރުގެ މަގާމަށް އޭނާ އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމާ ގުޅިގެންނެވެ.
މުޙައްމަދު ޝަކީލަކީ މީގެ ކުރިންވެސް އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އެގޮތުން، 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 3 އިން ފެށިގެން 2018 ވަނަ އަހަރުގެ މޭ މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް އޭނާ ވަނީ އެ ކޮމިޝަނުގެ މެންބަރުކަން ކުރައްވާފައެވެ.
މީގެ އިތުރުން، 1 ސެޕްޓެމްބަރު 2013 އިން ފެށިގެން 3 ޑިސެމްބަރު 2014 އާ ހަމައަށް ޝަކީލް ވަނީ އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުވެސް ފުރުއްވާފައެވެ.



