ދިވެހިރާއްޖެ ފަދަ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި އެކަނިވެރި މައިން ތިބެންޖެހޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ކުރީގެ ވަޒީރު ރާޝިދާ ޔޫސުފް ވިދާޅުވެއްޖެއެވެ.
ރާޝިދާ މިހެން ވިދާޅުވީ މުޖުތަމައުގައި އެކަނިވެރި މައިން އިތުރުވަމުންދާ ދިއުމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރާޝިދާ ވިދާޅުވީ ކޮންމެ އަންހެނަކާއި ކޮންމެ ކުޑަކުއްޖެއްގެ އަސާސީ ބޭނުންތަކާއި ހައްގުތައް ފުރިހަމަކޮށްދީ، އެ މީހުން ރައްކާތެރިކުރުމުގެ ދީނީ ޒިންމާ އުފުލަންޖެހޭ ބެލެނިވެރިޔަކު ހުންނާނެ ކަމަށެވެ. ނަމަވެސް ގިނަ ފަހަރަށް އެ ޒިންމާތައް އަދާކުރުމުގައި އިހުމާލުވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
”ތަރިކަ މުދާ ބަހާ ދުވަހު މި ބުނާ ބެލެނިވެރިޔާ ހުރި ތަނަކުން ހޯދައިގެން ކޯޓަށް ހާޒިރުކޮށް މުދާ ހަވާލުކުރެއެވެ. ނަމަވެސް، އޭނާގެ މައްޗަށް ލާޒިމުވާ އެހެނިހެން ޒިންމާތައް އަދާކުރުވުމަށް ބާރުއަޅާނެ ފަރާތެއް ނުހުރެއެވެ،“ ރާޝިދާ ވިދާޅުވިއެވެ.
ބައްޕައިންގެ ދުވަހާ ގުޅުވައިގެން ރާޝިދާ ވިދާޅުވީ، ބައްޕަ ފެންނަން ނެތް ކުދިންނާއި، ބައްޕަ ނިޔާވެފައިވާ ކުދިންގެ އިތުރުން، ބައްޕައިންގެ އަޅާލުމުން މަހުރޫމްވެފައިވާ ކުދިންނަށް ކުރާނެ ހިތްދަތި އިހުސާސްތައް ހުންނާނެ ކަމަށެވެ. އަދި ނިކަމެތި މައިންނާއި ޅަދަރިންނަށް ދައުލަތުން އެހީތެރިކަން ފޯރުކޮށްދިނުމަކީ މުޅިން ތަފާތު ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
މި މުޖުތަމައަށް ”އެކަނިވެރި މައިން“ މި މަފްހޫމް ތައާރަފްވެގެން ދިޔައީ ޒިންމާދާރުކަން ކުޑަ ބަލަދުވެރިންގެ ސަބަބުން ކަމަށް ރާޝިދާ ވިދާޅުވިއެވެ. މިފަދަ ބަލަދުވެރިން އެމީހުންގެ ދީނީ އަދި އިންސާނީ ޒިންމާތަކުން ރެކެމުންދާ ދިއުން ހުއްޓުވަން ޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ރާޝިދާގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ، މިފަދަ ކަންކަން އިސްލާހުކޮށް، ބަލަދުވެރިން ޒިންމާދާރު ކުރުވުމުގެ މުހިންމުކަން ފާހަގަކުރައްވައި، އެކަމަށް ގޮވާލައްވާފައެވެ.




