އެސްޓީއޯއިން ހިންގަމުންދާ ބޭސްފިހާރަތަކުގެ އިންވެންޓްރީގެ މަސައްކަތްތައް ކުރުމަށްޓަކައި މާދަމާއިން ފެށިގެން އެ ފިހާރަތައް ބަންދުކުރުމަށް ނިންމައިފިއެވެ.
އެސްޓީއޯއިން ވިދާޅުވީ އެ ކުންފުނިން ހިންގަމުންދިޔަ ފާމަސީތައް ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިސް ކޯޕަރޭޝަން ލިމިޓެޑަށް ބަދަލުކުރުމަށްޓަކައި މާދަމާއިން ފެށިގެން ފާމަސީތައް ބަންދުވާނެކަމަށެވެ.
އެގޮތުން މާދަމާއާއި މިމަހުގެ 25 އަދި 26 އެ ފާމަސީތަކުގައި ހުރި އިންވެންޓްރީ ކައުންޓު ކުރުއަށްގެންދިޔުމަށް ހަމަޖހެިފައިވާކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ.
އެސްޓީއޯގެ ދަށުން ހިންގަމުން އަންނަ ބޭސްފިހާރަތައް އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ރަސްމީކޮށް ދައުލަތުގެ ބޭސް ކުންފުނި، ސްޓޭޓް ފަރމާގެ ދަށަށް ބަދަލުވާނެއެވެ. މި ބަދަލާ އެކު، ރާއްޖެއަށް ބޭނުންވާ ބޭސް އެތެރެކޮށް ފޯރުކޮށްދިނުމުގެ އެންމެހާ މަސައްކަތްތައް ކުރިއަށް ގެންދާނީ ސްޓޭޓް ފަރމާއިންނެވެ. މިހާރުވެސް އެ ކުންފުނީގެ ފުރަތަމަ ފާމަސީ އައިޖީއެމްއެޗްގައި ވަނީ ހުޅުވައި ޚިދުމަތް ދޭން ފަށާފައެވެ.
ސްޓޭޓް ފަރމާއިން ވިދާޅުވީ ބޭސްފިހާރަތަކާ ހަވާލުވާއިރު ސްޓޮކް ހުރި މިންވަރު ދެނެގަތުމަށް ބޭނުންވާ ސިސްޓަމް އިންސްޓޮލޭޝަންގެ މަސައްކަތްތައް ޖުލައި މަހުގެ ކުރިން ނިންމާލެވޭނެ ކަމަށެވެ. މީގެ އިތުރުން، ބޭސް ސިޓީތަކަށް ބޭސް ފޯރުކޮށްދިނުމަށް ޚާއްސަ ހޮޓްލައިން ނަންބަރު 1050 ގެ ޚިދުމަތްވެސް މިހާރު ވަނީ ތައާރަފްކޮށްފައެވެ.
އާސަންދައިގެ ދަށުން ލިބޭ ބޭހާއި ނުލިބޭ ބޭސް އިޖްތިމާޢީ އެހީގެ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ސްޓޭޓް ފަރމަސޫޓިކަލްއިން މިހާރުވެސް ދަނީ ކުރަމުންނެވެ.




