މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ރުފިޔާ ކާޑުތަކަށް ދެމުން އައި 250 ޑޮލަރުގެ ލިމިޓު ބޭނުންކޮށްގެން އީކޮމާސް ބައެއް ވެބްސައިޓުތަކުން ވިޔަފާރި ނުކުރެވޭ ގޮތަށް އެ ބޭންކުން ހަމަޖައްސައިފިއެވެ.
އެމްއައިބީން ނެރުނު ނޯޓިސްއެއްގައި ބުނެފައިވަނީ ރުފިޔާ ކާޑަށް 250 ޑޮލަރު ދޫކުރަމުން ގެންދިޔައީ ޒަރޫރީ ބޭނުންތަކަށް ކަމަށެވެ.
ނަމަވެސް، މިދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި ބައެއް ކަސްޓަމަރުން އެހެން ބޭނުންތަކަށް މި ލިމިޓް ބޭނުން ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް އެ ބޭންކުން ބުންޏެވެ. އެހެންކަމުން، މި ވަގުތުން ފެށިގެން ބައެއް ވިޔަފާރި ސައިޓުތަކުގައި މި ޑޮލަރު ލިމިޓް ބޭނުން ނުކުރެވޭ ގޮތް ހެދުމަށް ވަނީ ނިންމާފައެވެ.
ބޭންކުން ހާމަކުރި ގޮތުގައި، އީ-ކޮމާސް ސައިޓުތަކަށް ދެން ކުރެވޭނީ ގިނަވެގެން 10 ޓްރާންސެކްޝަން އެވެ. ނަމަވެސް ބައެއް ވިޔަފާރި ސައިޓުތައް ފިޔަވައި ކަސްޓަމަރުން އާއްމު ބޭނުންތަކަށް ބޭނުންކުރާ ސަބްސްކްރިޕްޝަން ސައިޓުތަކާއި، ރާއްޖޭން ބޭރުގައި ހުންނަ ޕީއޯއެސް މެޝިންތަކުން ކުރާ ވިޔަފާރިތަކާއި، ސިއްހީ ހިދުމަތް ހޯދުމަށް އަދި ޗުއްޓީ ހޭދަކުރުމަށް ހިނގާ ހަރަދުތަކަށް 250 ޑޮލަރުގެ ލިމިޓުގެ ތެރެއިން ބޭނުން ކުރެވޭނެކަމަށް އެ ބޭންކުން ބުންޏެވެ.
އެމްއައިބީން ބުނިގޮތުގައި މިގޮތަށް ނިންމީ، ދެމެހެއްޓެނިވި ގޮތެއްގައި މި ހިދުމަތް ކަސްޓަމަރުންގެ އެންމެ ޒަރޫރީ ބޭނުންތައް ފުއްދުމަށްޓަކައި ފޯރުކޮށްދިނުމުގެ މަގްސަދުގަ އެވެ.
ރާއްޖޭގެ އެހެން ބޭންކްތަކުންވެސް ވަނީ ދިވެހި ރުފިޔާގެ އެކައުންޓުތަކުން ޑޮލަރު ޓްރާންސެކްޝަން ހެދުން ލިމިޓްކޮށްފައެވެ. އެގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިންވެސް ވަނީ އީކޮމާސް ސައިޓްތަކުން ވިޔަފާރިކުރެވޭނެ ލިމިޓެއް ކަނޑައަޅާފައެވެ.
ނަމަވެސް، ބީއެމްއެލް އިން ކުރިން ބުނެފައިވަނީ މި މަސް ނިމުމުގެ ކުރިން އެ ނިންމުމަށް ހެޔޮ ބަދަލުތަކެއް ގެންނާނެ ކަމަށެވެ.



