އިސްކަންދަރު ސްކޫލްގެ ޓީޗަރުން ރަޖިސްޓްރީކުރި، މަސައްކަތްތެރިންގެ ޔޫނިއަން ބަލައިނުގަންނާނެ ކަމަށް ސްކޫލްގެ މެނޭޖްމަންޓަށް އެންގީ، އެއީ ދައުލަތުގެ މުއައްސަސާއެއްގެ ނަން ބޭނުންކޮށްފައި ވާތީ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފްް ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަފީއު ވިދާޅުވީ ދައުލަތުގެ މުއައްސަަސާއެއްގެ ނަން ނުވަތަ އެފަދަ މުއައްސަސާއަކާ އޮޅުން އަރާ ފަދަ ނަމެއް ޔޫނިއަންއަކަށް ކިޔައިގެން ނުވާނެ ކަމަށް ޔޫނިއަން ހިންގުމާއި ރަޖިސްޓްރީ ކުރުމާ ބެހޭ ގަވައިދުގައި ބަޔާންކޮށްފައިވާނެ ކަމަށެވެ. އަދި އާއްމު ކުންފުނިތަކާ ހިލާފަށް ސްކޫލް/މަދުރަސާތަކަކީ ހާއްސަ ސިފަތަކެއް ލިބިފައިވާ ތަންތަން ކަމަށާއި އެއީ ވަރަށް ގިނަ ހިފެހެއްޓުންތަކެއް ހުންނަ ތަންތަން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
”ހުށަހެޅިފައިވާ ސުވާލުގެ ކުރު ޖަވާބެއްގެ ގޮތުގައި ބުނަންޏާ އަޅުގަނޑަށް ބުނެވޭނީ ކުރިން މި ދެންނެވި ގަވާއިދުގެ (ޔޫނިއަން ހިންގުމާއި ރަޖިސްޓްރީކުރުމާ ބެހޭ ގަވާއިދު) ގެ 12 ވަނަ މާއްދާގެ (ހ)ގެ ހަތަރަކާ ހަވާލާދީ އަޅުގަނޑުމެން ގަބޫލެއް ނުކުރަމޭ އިސްކަންދަރު ނަން ބޭނުންކޮށްގެން، މަޖީދިއްޔާގެ ނަން ބޭނުންކޮށްގެން، އަމީނިއްޔާގެ ނަން ބޭނުންކޮށްގެން އަދި އެހެން ސްކޫލެއްގެ ވެސް ނަން ބޭނުންކޮށްގެން ޔޫނިއަން އެއް އުފެއްދިދާނެ ކަމަކަށް“ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވިއެވެ.
އެ ޔޫނިއަން ރަޖިސްޓްރީކޮށްފައި އޮތީ އެންމެ ރަނގަޅުގޮތަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ނުދެކޭ ކަމަށާއި އެހެންވެ ޔޫނިއަންތަކުގެ ރަޖިސްޓްރާއަށް އެ މައްސަލަ ހުށަހަޅަން ތައްޔާރުވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އިސްކަންދަރުގެ ޓީޗަރުން އުފެއްދި ޔޫނިއަން ބަލައިނުގަންނާނެ ކަމަށް އެ ސްކޫލްގެ ޕްރިންސިޕަލް އެންގެވީ އެޑިއުކޭޝަން މިނިސްޓްރީން ދިން އިރުޝާދާ އެއްގޮަތަށް ކަމަށް ވެސް ޝަފީއު ވިދާޅުވި އެވެ.
”އަޅުގަނޑުމެން ސްކޫލްމަދުރަސާތަކުގެ ތެރޭގައި މުދައްރިސުންގެ ހައްގުތައް ހިމާޔަތްކުރުމަށްޓަކައި ފުރުސަތު ދޭނަންމެ. އެހެން ނަމަވެސް ވަކިވަކި ނަންތަކެއް ހަދައިގެން، ސްކޫލްތަކުގެ ނަންތައް ބޭނުންކޮށްގެން މިފަދަ ކަންތައްތައް ކުރުމަށް ފުރުސަތު ދޭކަށް ގަސްދެއް ނުކުރާ ވާހަކަ މި ފުރުސަތުގައި އިއްޒަތްތެރި މެންބަރަށް ދަންނަވަން“ ޝަފީއު ވިދާޅުވިއެވެ.




