ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިންތިޒާމުކުރި ކޮމިއުނިޓީ ބޭސްޑް ރެޒިލިއަންސް ބިލްޑިންގ އޮނިގަނޑުގެ ޓްރެއިނިންގ އޮފް ޓްރެއިނާސް ޕްރޮގްރާމް ނިންމާލައިފިއެވެ.
މި ތަމްރީނު ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ މޯލްޑިވްސް ރެޑް ކްރެސެންޓްގެ ނައިބު ރައީސް ރަޝީދާ އަލީއެވެ.
ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މި ތަމްރީނު ފަށާފައިވަނީ މާލޭގައި ހުންނަ އެންޑީއެމްއޭގެ އޮފީހުގައި މިދިޔަ އާދިއްތަ ދުވަހުއެވެ.
ކޮމިއުނިޓީ ބޭސްޑް ރެޒިލިއަންސް ބިލްޑިންގ ސީބީއާރްބީގެ އައު އޮނިގަނޑަކީ މުޖުތަމައުގެ ފެންވަރުގައި ކާރިސާތަކަށް ތައްޔާރުވެފައިވާ މިންވަރު އިތުރުކުރުމަށް އެކުލަވާލާފައިވާ އޮނިގަނޑެކެވެ. ތިން ދުވަހުގެ ޓްރެއިނިންގ އޮފް ޓްރެއިނާސް ޓީއޯޓީ ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލާފައިވާއިރު، މި ތަމްރީނު ޕްރޮގްރާމުގައި އެން.ޑީ.އެމް.އޭގެ އިތުރުން މޯލްޑިވްސް ރެޑް ކްރެސެންޓް، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް ހިމެނޭހެން ޖުމްލަ 20 ބައިވެރިން ބައިވެރިވެފައިވެއެވެ.
ސީބީއާރްބީގެ އޮނިގަނޑަކީ އިސްލާހުކުރެވިފައިވާ ކޮމިއުނިޓީ ބޭސްޑް ޑިޒާސްޓަރ ރިސްކް މެނޭޖްމަންޓް އުސޫލުތަކުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ އޮނިގަނޑެއްކަމަށާ މީގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކާއި، ދެ ޖިންސުގެ ހަމަހަމަކަމާ، ނުކުޅެދުންތެރިކަމާ އިޖުތިމާއީ ގުޅުންވަރުގަދަކުރުމާ ކާރިސާތަކުން ރައްކާތެރިވުމަށް ކުރިއާލާ ފިޔަވަޅު އެޅުމުގެ މުހިންމު ބައިތައް ހިމެނިފައިވާކަމަށް އެންޑީއެމްއޭއިން މައުލޫމާތުދެއްވައެވެ.
މި ތަމްރީނު ފުރިހަމަކުރި ފެސިލިޓޭޓަރުންނަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސީބީއާރްބީގެ ޕްރޮގްރާމްތައް ހިންގައި، މުޖުތަމައުތަކުގެ ރައްކާތެރިކަމާއި ކަންކަމަށް ތައްޔާރުވެފައިވާ މިންވަރު ވަރުގަދަކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ ބައެއް ކަމަށް އެންޑީއެމްއޭ އިން ފާހަގަކުރެއެވެ.
މިޕްރޮގްރާމަކީ މުޖުތަމައުގެ ފެންވަރުގައި ކާރިސާތަކަށް ތައްޔާރުވެފައިވާ މިންވަރު އިތުރުކުރުމަށް އެކުލަވާލާފައިވާ ޕްރޮގްރާމެކެވެ.



