މަސްވެރިންނަށް 1.1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝިޔާމް މިހެން ވިދާޅުވީ، ރައީސް އޮގީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން މިނިސްޓަރ ޝިޔާމް ވިދާޅުވީ 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދެއްކުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަފު މުޢިއްޒު ވެވަޑައިގެންނެވި ވައުދުފުޅުގެ ތެރެއިން ވަރަށް މުހިންމު ވައުދުފުޅެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ 2023 ވަނަ އަހަރު ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، މަސްވެރިންނަށް ނުދެއްކި އޮތް ފައިސާގެ ވަރަށް ބޮޑު ބެކްލޮގެއް އޮތް ކަމަށެވެ. އެގޮތުން 250 މިލިއަނަށްވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ދައްކަން އޮތް ކަމުގައި ޝިޔާމް ފާހަގަ ކުރެއްވިއެވެ.
”އެއިރުގެ ސަރުކާރު ނިމުނުއިރު އެ ފައިސާ އޮތީ ނުދެއްކި. އަޅުގަނޑުމެން ސަރުކާރަށް އައި ފަހުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ރައީސް ޔަގީންކަން ދެެއްވީ މި ބެކްލޮގް ޚަލާސް ކުރުމަށް. އަދި އެ ބެކްލޮގް ޚަލާސް ކުރެވުނު“ ފިޝަރީޒް މިނިސްޓަރ ޝިޔާމް ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރު ވިދާޅުވީ، 48 ގަޑިއިރު ތެރޭގައި ފައިސާ ދިނުމަކީ ވެސް ރައީސް މުޢިއްޒުގެ ވައުދުފުޅެއް ކަމަށާއި 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މަސްވެރިންނަށް އެފަދައިން ފައިސާ ދެމުން އަންނަ ކަމަށެވެ.



