މާލޭގައި ހުޅުވާ ލައްޕާ ހުރިހާ ޕާކުތައް ރޭގަނޑު 12 ޖަހަންދަން ހުޅުވާފައި ބަހައްޓަން މާލޭ ސިޓީ ކައުންސިލުން މިއަދު ނިންމައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމުގައި، ޕާކުތައް ބަންދުނުކުރަން ހުށަހެޅުއްވީ، މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ ކައުންސިލަރު ހުސެއިން ފުރުޝާން އެވެ.
އޭނާ ވިދާޅުވީ، އާންމު ޕާކުތަކަކީ ހިތްހަމަޖައްސާލަން ދާން މިހާރު މާލޭގައި ހުރި ހަމައެކަނި ތަންތަން ކަމަށާއި އެތަންތަން ވަކި ގަޑިތަކެއްގައި ބަންދުކޮށް، ހުޅުވާ ހަދާތީ އެ ޝަކުވާ ލިބެމުންދާ ކަމަށެވެ. ޕާކުތަކަކީ ބަންދުކުރަންޖެހޭ ތަންތަން ކަމަށް ނުދެކޭ ކަމަށް ވެސް ވިދާޅުވިއެވެ.
”ދެން ކޮންމެވެސް ވަރަކަަށް އަޅުގަނޑަށް އެނގޭ ކޮންމެވެސް ވަރެއްގެ ކަންބޮޑުވުންތަކެއް އަންނާނެ ސެކިއުރިޓީއާ މިކަންކަމުގެ. އަޅުގަނޑުމެން މިހާރު ބަންދުކޮށްގެން މިތިބަ ލޮނުޒިޔާރާތް ޕާކު ވެސް ވާ ވަރަށް ސެކިއުރިޓީ އެބަހުރި. ދެން ހުޅުވަންޏާ އިތުރަށް ކެމެރާ ހަރުކޮށް، އަދި ފުލުހުންނާ އެކު ތަންކޮޅެއް ރަނގަޅަށް އެތަން މޮނިޓާކޮށްދޭން ބުނެލާފައި ބަންދުކުރާ ގަޑި އުވާލަން އަޅުގަނޑު ހުށަހަޅަނީ“ ފުރުޝާން ވިދާޅުވިއެވެ.
މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އިބްރާހިމް ލަބާން ޝަރީފް ހުށަހެޅުއްވީ، 24 ގަޑިއިރު ހުޅުވާފައި ބެހެއްޓުމުގެ ބަދަލުގައި ބަންދުކުރާގަޑި ދަންވަރު 12އަށް ލަސްކޮށްލުމަށެވެ. އެގޮތުން، 24 ގަޑިއިރު ހުޅުވާފައި ބަހައްޓާ ނަމަ ކުށުގެ ވެއްޓަށް ހުށަހެޅުމުގެ ފުރުސަތު ބޮޑެތި ޕާކުތައް އެބަހުރިކަން ކައުންސިލަރުން ފާހަގަކުރިއެވެ.
މިއަދުގެ ކައުންސިލު ބައްދަލުވުމުގައި ފާސްކުރީ މިހާރު ވަކި ގަޑިތަކެއްގައި ހުޅުވާ ލައްޕާ މާލޭގެ ހުރިހާ ޕާކެއް ފަތިހު 5:30 އިން ދަންވަރު 12 ޖަހަންދެން ހުޅުވާފަ ބަހައްޓާށެވެ. މިގޮތަށް ފާސްވީ މިއަދުގެ ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.




