މަހުގެ އަގު ދެމެހެއްޓެނިވި ގޮތެއްގައި އެއް ހަމައެއްގައި ހިފެހެއްޓޭނީ މިހާރު ކުރިއަށްދާ ކޯލްޑް ސްޓޯރޭޖުތަކުގެ މަޝްރޫޢުތައް ނިމި، އޮޕަރޭޝަނަށް އައުމުން ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝިޔާމް މިހެން ވިދާޅުވެފައިވަނީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒަކީ މަހުގެ އަގު 20 ރުފިޔާއަށްވުރެ ދަށްވިޔަނުދީ ހިފެހެއްޓުން ކަމަށާއި މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކައި ޕްރައިވެޓް ސެކްޓަރާއި ސަރުކާރު ހިއްސާވާ ކުންފުނިތައް ގުޅިގެން ހަރުދަނާ ނިޒާމެއްގެ ތެރެއިން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
މި ސަރުކާރުގެ އަމާޒަކީ މަސް ކިލޯއެއް ވިހި ރުފިޔާއަށްވުރެ ދަށްނުވާނެ ގޮތަށް އަގު ހިފެހެއްޓުންކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެގޮތަށް އަގުތައް ދެމެހެއްޓެނިވި ގޮތެއްގައި އެއްހަމައެއްގައި ހިފެހެއްޓޭނީ މިހާރު ކުރިއަށްދާ ޕްރޮސެސްގެ ތެރެއިން ކުރިއަށްދާ ހުރިހާ ކޯލްޑް ސްޓޯރޭޖް ތަކެއް ނިމި ބޭނުންކުރަން ފެށުމުންކަމަށެވެ.
”އަޅުގަނޑުމެންގެ އަމާޒަކީ ވިހި ރުފިޔާއަށްވުރެ ދަށްނުވާނެ ގޮތަށް އަގު ހިފެހެއްޓުން. މިކަން ކުރެވޭނީ މިހާރު ކުރިއަށްދާ ޕްރޮސެސްގަ ހުރި ހުރިހާ ކޯލްޑް ސްޓޯރޭޖްތަކެއް ނިމި އޮޕަރޭޝަނަށް އައުމުން. އޭރުން ޕްރޮސެސިންގް ކެޕޭސިޓީ އިތުރު ކެވާނެ އަދި ކެނެރީތަކުގެ މަސައްކަތް ބާރުމިނުގައި ކުރިއަށް ގެންދެވޭނެ“ ފިޝަރީޒް މިނިސްޓަރު ވިދާޅުވިއެވެ.
ޕްރޮސެސިންގް ވަސީލަތްތައް ގާއިމުވުމުން، ގިނައިން މަސް ބޭނޭ މޫސުމުގައި މަސް ބޭރުކުރުމުގެ ބަދަލުގައި ރައްކާކުރެވޭނެ ކަމަށާއި، އޭގެ ސަބަބުން މަސް މަދު ދުވަސްވަރުވެސް ރަނގަޅު އަގު ހޯދޭނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.




