ފިނޭންސް މިނިސްޓަރުގެ މަގާމަށް މި ފަހުން އައްޔަން ކުރެއްވި ހަސަން ޒަރީރަށް ރުހުން ދޭން މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކޮމިޝަނަރުގެ މަގާމުގައި ހުންނަވަނިކޮށް، ޒަރީރު ފިނޭންސް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވީ މި މަހު 2 ވަނަ ދުވަހު އެވެ. ފިނޭންސް މިނިސްޓަރުގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި މޫސާ ޒަމީރުގެ ބަލިހާލަތާ ގުޅިގެން އޭނާ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އެހެންވެ ޒަމީރުގެ ބަދަލަށް ޒަރީރު އައްޔަންކުރައްވައި އޭނާއަށް ރުހުން ހޯދުމަށް ރައީސް މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި އެވެ. ޒަރީރުގެ ނަން ދިރާސާ ކުރި މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން ވަނީ އޭނާއަށް ރުހުން ދިނުމަށް ނިންމާފައެވެ.
މިއަދުގެ މަޖިލިސް ޖަލްސާގެ ވޯޓު ގަޑީގައި ކޮމިޓީ ރިޕޯޓަށް ވޯޓަށް އެހުމުން، ޒަރީރު އެ މަގާމަށް އައްޔަން ކުރަން ރުހުން ލިބުނީ 49 ވޯޓުންނެވެ.
އިދިކޮޅު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ނިންމާފައި އޮތީ ޒަރީރަށް ރުހުން ނުދިނުމަށެވެ. ސަބަބެއްގެ ގޮތުގައި އެ މެންބަރުން ބުނީ، އެއީ ސަރުކާރުގެ ވަޒީފާތަކުން ”ނުހައްގުން“ ބައެއް މީހުން ވަކިކުރަމުންދާ މައްސަލައާ ގުޅިގެން ކަމަށެވެ.



