އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ މަގާމަށް ޕީއެންސީގެ ކުރީގެ ރެޖިސްޓްރާ އަދި ޙައްޖު ކޯޕަރޭޝަންގެ ކުރީގެ އެމްޑީ މުހައްމަދު ޝަކީލް މިއަދު އައްޔަނު ކުރައްވައިފިއެވެ.
ޙައްޖު ކޯޕަރޭޝަންގެ އެމްޑީ ކަމުގެ މަގާމުން އިއްޔެ އިސްތިއުފާ ދެއްވި ޝަކީލް އީސީ އަށް އައްޔަން ކުރުމަށް މަޖިލީހުން ފާސްކުރީ އިއްޔެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ޝަކީލް ވަނީ އީސީގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިގުރާރުގައި ސޮއިކުރައްވައިފައެވެ.
ރަސްމިއްޔާތުގައި އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކުރެއްވިކަމުގެ ލިޔުން ޝަކީލް އަށް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.
އީސީގެ މެންބަރުކަމުގެ މަގާމު ހުސްވީ، ނިމިދިޔަ ކައުންސިލް އިންތިހާބުގެ ނާތީޖާއަށް ފަހު، އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޒާހިދު މިދިޔަ މެއި މަހު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ޝަކީލް ޕީއެންސީގެ ރަޖިސްޓްރާގެ މަގާމަށް އައްޔަންކޮށްފައި ވަނީ މިދިޔަ ޖެނުއަރީ މަހު އެވެ. ނަމަވެސް މިހާރު އެ މަގާމު އޮތީ ހުސްކޮށެވެ. އަދި އޭނާއަކީ ސަރުކާރު ހިންގާ ޕީއެންސީގެ ސެނެޓް މެންބަރެކެވެ.



