ދައުލަތުގެ ކުންްފުނިތަކުގެ ކަންކަން ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސްއަކަށް އައްޔަނުކުރި މުހައްމަދު ނިޒާރު، މއ. ޔެލޯބޯލްއަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
އެ މަގާމަށް ނިޒާރު އައްޔަނު ކުރީ 30 އޭޕްރީލްގަ އެވެ. އޭނާއަށް ރުހުން ދޭން ފެނޭތޯ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނެގި ވޯޓުން ރުހުން ދިނުމަށް ފެންނަ ކަމަށް 49 މެންބަރުން ވޯޓު ދެއްވިއެވެ.
ނިޒާރު ވަނީ މީގެ ކުރިން 2014 އިން 2019އަށް ޕީސީބީގެ ރައީސްކަން ކުރައްވައިފަ އެވެ. އަދި އޭނާ ވަނީ ޔުނިވާސިޓީ އޮފް ސައުތު އޮސްޓްރޭލިއާއިން އެމްބީއޭ ހާސިލު ކުރައްވާފައެވެ.
ބައިނަލްއަގުވާމީ ވިޔަފާރި، ކޯޕަރޭޓް މެނޭޖްމަންޓް އަދި ދައުލަތުގެ އިދާރާތައް ހިންގުމުގެ ދާއިރާއިން 30 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ނިޒާރަށް ލިބިވަޑައިގެންފައިވެއެވެ.
މީގެއިތުރުން އޭނާއަކީ ދައުލަތުގެ ކުންފުނިތައް ކޯޕަރަޓައިޒް ކުރުމާއި އެ ކުންފުނިތަކުގެ ހިންގުން މޮނިޓާކޮށް ބެލެހެއްޓުމުގެ ފަންނީ މާހިރެކެވެ.
އެސްޓީއޯގައި 20 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތްކުރެއްވި ނިޒާރަކީ މޯލްޑިވް ގޭސްގެ ބޯޑު މެންބަރުކަން ވެސް ކުރެއްވުމުގެ އިތުރުން ރިސްކް މެނޭޖްމަންޓް، ޕްރޮކިއުމަންޓް އަދި ކޯޕަރޭޓް ގަވަނަންސްއާ ގުޅޭ ގައުމީ ފެންވަރުގެ އެކި ކޮމިޓީތަކުގައި ވެސް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.



