އެސްޓީއޯއިން ހިންގަމުން އައި ފާމަސީތައް ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިސް ކޯޕަރޭޝަން ލިމިޓެޑް (ސްޓޭޓްފާމާ) އަށް ބަދަލުކުރުމުގެ ގޮތުން އެ ފާމަސީތަކުގައި ހުރި އިންވެންޓްރީ ގުނަން ފެށި ނަމަވެސް، ކުރިއެކޭ ވެސް އެއްގޮތަށް ބޭސް ދޫކުރުމުގެ ޚިދުމަތް މެދުނުކެނޑި ލިބޭނެ ކަމަށް ސްޓޭޓްފާމާއިން މިއަދު ބުނެފިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެސްޓީއޯގެ ބެލުމުގެ ދަށުން ހިންގަމުން އައި ބޭސްފިހާރަތައް ސްޓޭޓްފާމާއަށް ބަދަލުކުރުމުގެ މަރުހަލާގެ ތެރެއިން، އެ ތަންތަނުގައި ހުރި ސްޓޮކް ގުނުމުގެ މަސައްކަތް މިއަދުން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް އެސްޓީއޯއިން ނިންމީ ރޭގައެވެ. އެސްޓީއޯއިން ރޭ ބުނި ގޮތުގައި މި މުއްދަތުގެ ތެރޭގައި ވެސް އެމަޖެންސީ ހާލަތްތަކުގައި ބޭނުންވާ ބޭސް ލިބޭނެ އިންތިޒާމުތައް ހަމަޖެހިފައި ހުންނާނެއެވެ.
ސްޓޭޓްފާމާ ކުންފުނިން އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ފާމަސީތަކުގެ މަސައްކަތްތަކާ ރަސްމީކޮށް ހަވާލުވާނެއެވެ. ނަމަވެސް މި ނިޒާމު އެއްކޮށް ހަމައަކަށް އެޅުމަށް ހަ މަސްދުވަސް ނަގާނެކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ޑރ. ޝާހު އޭރު ވިދާޅުވި ގޮތުގައި ބޭސް އެތެރެކުރުމުގައި ހުރި ގޮންޖެހުންތަކާއި އިޤްތިސާދީ ދަތިތަކަށް ހައްލެއް ހޯދުމަށް އިތުރު ވަގުތު ބޭނުންވަނީ މުހިންމު ކަންތައްތަކެއް ފުރިހަމަކުރުމަށެވެ. އޭގެ ތެރޭގައި ރަށްރަށުގައި ހުރި އެސްޓީއޯގެ ފާމަސީތައް ސްޓޭޓްފާމާގެ ދަށަށް ބަދަލުކުރުމާއި، ބޭނުންވާ ބޭސްތައް ދުރާލައި އޯޑަރުކުރުމާއި، މިކަމަށް ބޭނުންވާ މުޅި ނިޒާމު އެކުލަވައިލުން ހިމެނޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި ބޭސް ނުލިބުމުގެ ޝަކުވާއަކީ އާންމުންގެ ފަރާތުން ވަރަށް ބޮޑަށް ލިބެމުން އަންނަ ޝަކުވާއެކެވެ. އެގޮތުން، އެއް ބޭސްފިހާރައިން އަނެއް ބޭސްފިހާރައަށް ބޭހެއް ނުލިބިގެން ހިނގަންޖެހުމާއި، އާސަންދަ ކަވަރުނުކުރާނަމަ ބޭހެއް ގަންނަން އެތައް ގުނައެއް އިތުރަށް ޖީބުން ޚަރަދުކުރަން ޖެހޭތީ އާންމު ރައްޔިތުންގެ ކަންބޮޑުވުންތައް ވަރަށް ގިނައެވެ.




