ދިވެހި އިންވެސްޓްމެންޓް ނަފާ ފަންޑުން، ދިނަފް-36 ކާމިޔާބުކަމާއިއެކު ނިންމާލުމަށްފަހު، 40 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ފުރުސަތުތަކާއިއެކު ދިނަފް-48 މިއަދު ރަސްމީކޮށް ތަޢާރަފްކޮށްފިއެވެ.
ދިނަފްގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ފަންޑު ތަޢާރަފްކޮށްފައިވާއިރު، މިއަދުން ފެށިގެން މި ފަންޑުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
ދިނަފްއަކީ ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގައި ރަޖިސްޓަރކޮށްގެން ހިންގާ ފަންޑެކެވެ. މި ފަންޑުގައި އިންވެސްޓްކުރުމުގެ ފުރުސަތު ދެނީ ސީއެމްޑީއޭގެ އުސޫލަށް ފެތޭ މިންގަނޑުތަކަށް ބަލައިގެންނެވެ. އެގޮތުން އަމިއްލަ ފަރުދެއްނަމަ އަހަރަކު މަދުވެގެން 1 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބެންޖެހޭއިރު، ކުންފުނިތަކާއި އިންސްޓިޓިއުޝަންތަކުންނަމަ އަހަރަކު މަދުވެގެން 5 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބެންޖެހެއެވެ. މި ފަންޑުގައި އެންމެ މަދުވެގެން އިންވެސްޓް ކުރެވޭނީ 50,000 ރުފިޔާއެވެ.
އަލަށް ތަޢާރަފުކުރި ދިނަފް-48 ގެ ދަށުން އިންވެސްޓްކުރާ މުއްދަތަށް ބަލައި ތަފާތު ފައިދާގެ ނިސްބަތްތަކެއް ވަނީ ކަނޑައަޅާފައެވެ:
- 6 މަސް ދުވަހުގެ މުއްދަތަށް: އަހަރަކު 10.50 އިންސައްތަ
- 12 މަސް ދުވަހުގެ މުއްދަތަށް: އަހަރަކު 11.00 އިންސައްތަ
- 2 އަހަރު ދުވަހުގެ މުއްދަތަށް: އަހަރަކު 11.50 އިންސައްތަ
- 3 އަހަރު ދުވަހުގެ މުއްދަތަށް: އަހަރަކު 12.00 އިންސައްތަ
- 4 އަހަރު ދުވަހުގެ މުއްދަތަށް: އަހަރަކު 12.25 އިންސައްތަ
މި ފަންޑާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ދިވެހި އިންވެސްޓްމަންޓް ޕާޓްނާސްގެ ޗެއަރމަން އަބްދުލްވާޙިދު ތައުފީޤު ވިދާޅުވީ، ދިނަފް މެދުވެރިކޮށް އިންވެސްޓަރުންނާއި އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކާ ދެމެދު އިތުބާރުހިފޭ ނިޒާމެއް ޤާއިމްކޮށްދެވޭ ކަމަށެވެ.
”ވަކިވަކި ފަރުދުންގެ ތެރެއިން އިންވެސްޓްމެންޓް ކުރާ ފަރާތްތަކަށްވެސް ފުޅާ މާކެޓެއްގައި ބައިވެރިވުމުގެ ފުރުސަތު އެބަ ލިބޭ. މި ވިސްނުމާއިއެކު މިދިޔަ އޮކްޓޯބަރ މަހު ލޯންޗުކުރި ފަންޑު ވަރަށް ރަނގަޅަށް ކުރިއަށް ގެންދިޔައީ،“ އަބްދުލްވާޙިދު ވިދާޅުވިއެވެ.
20 މިލިއަން ރުފިޔާގެ ޓާގެޓަކާއިއެކު ކުރިއަށް ގެންދިޔަ ދިނަފް-36 ކާމިޔާބު ކަމާއިއެކު ނިންމާލެވުމަކީ އިންވެސްޓަރުންގެ އިތުބާރު ހޯދުމަށް ލިބުނު ފަހި ފުރުސަތެއް ކަމަށް ދިނަފްއިން ފާހަގަކުރެއެވެ. ކުރިއަށް އޮތްތަނުގައި ތަފާތު ގޮތަކަށް އިންވެސްޓުމެންޓް ފަންޑުތަކެއް އެކުލަވާލުމުގެ ވިސްނުން ގެންގުޅޭއިރު، މިއަދު ފެށި ދިނަފް-48 އާއި މެދު ކުރާ އުއްމީދު ބޮޑު ކަމަށްވެސް އެ ފަންޑުން ބުނެފައިވެއެވެ.
މި ފަންޑުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން info@dip.mv ނުވަތަ info@dhinaf.com މެދުވެރިކޮށް އެކަމަށް އެދި ހުށަހެޅޭނެއެވެ.



