ފުލުހުންގެ ބަންދުގައި ހުރި މީހަކު ފިލަން އެހީތެރިވި ދެ މީހަކު އިއްޔެ ހައްޔަރުކޮށްފިއެވެ.
އެ ދެ މީހުންގެ ބަންދު އަމުރުގައިވާ ގޮތުން، ފިލަން އެހީތެރިވީ ފެމެލީ އެންޑް ޖެންޑާ އެފެއާޒް ޑިޕާޓުމަންޓުން ބަލަމުންދާ މައްސަލައެއްގައި ހައްޔަރު ކޮށްފައި ހުރި މީހެކެވެ. ނަމަވެސް އެ މައްސަލައިގެ އިތުރު ތަފްސީލެއް ނެތެވެ.
ބަންދުގައި ހުރި މީހަކު ފިލަން އެހީތެރިވެދިނުމާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ މާލެ، ހ. ލާމިޔާ / އަހުމަދު އުވައިސް (22އ.) އާއި ނ. ވެލިދޫ ލ، އިހާޒް / މުޙައްމަދު އަނޫފް (25އ.) އެވެ.
އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އެމީހުންގެ ބަންދު އަމުރުގައި ބުނެފައިވަނީ، އެ ދެ މީހުންގެ މައްޗަށް ވެސް ތުހުމަތުކުރެވޭ ކުށް ކުރިކަމުގެ އެކަށީގެންވާ ހެކި ލިބިފައިވާ ކަމަށާއި އެކަމާ ގުޅޭ ސީސީޓީވީ ފުޓޭޖު ވެސް ހެކީގެ ގޮތުގައި ލިބިފައިވާ ކަމަށެވެ.
އެ ދެމީހުންގެ ތެރެއިން އުވައިސް އަކީ ކުށުގެ ރެކޯޑް އޮތް މީހެކެވެ.



