ލ. އަތޮޅުގައި ތަރައްގީ ކުރާ ދެވަނަ އެއާޕޯޓު އެ އަތޮޅު އިސްދޫ ކަލައިދޫގައި އަޅަން ނިންމާފައިވާ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނެފިއެވެ.
ލ. އަތޮޅުގައި ދެވަނަ އެއާޕޯޓެއް ތަރައްގީ ކުރުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.
ލ. އަތޮޅުގައި ދެވަނަ އެ އެއާޕޯޓް ތަރައްގީކުރާނީ ދަތުރުފަތުރާއި ރަށުގެ އިގްތިސޯދަށް އަދި ޓޫރިޒަމް ކުރިއެރުވުމަށް އެންމެ ގިނަ ރިސޯޓްތައް ތަރައްގީކުރެވެން އޮތް އެންމެ މުހިއްމު ސަރަހައްދެއްގައި ކަމަށް ރައީސް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. އަދި އެއާޕޯޓް އަޅާނެ ސަރަހައްދެއް ވަރަށް އަވަހަށް ނިންމަވާ، އެ ވައުދުފުއްދަވާނެ ކަމުގެ ޔަގީންކަން އެ އަތޮޅުގެ ރައްޔިތުންނަށް ރައީސް ދެއްވީ މިދިޔަ އޮކްޓޯބަރު މަހުއެވެ.
އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިއަދު އާންމު ކުރި ވީޑިއޯއެއްގައި ބުނީ ލ. އަތޮޅުގައި ދެވަނަ އެއާޕޯޓެއް ތަރައްގީ ކުރާނީ އިސްދޫ ކަލައިދޫގައި ކަމަށެވެ.
އެ އަތޮޅަކީ ގުދުރަތީ ގޮތުން ރީތި، ރަނގަޅު އިގްތިސޯދެއް ބިނާކުރުމުގެ ފުރުސަތު އޮތް އަތޮޅެއްކަން ފާހަގަކޮށް އެ މިނިސްޓްރީން ބުނީ ލ. އަތޮޅު ކުރިއަރަމުން އަންނަ އިރު އަތޮޅުގެ ރައްޔިތުން ބޭނުންވަނީ ދަތުރުފަތުރުގެ ނިޒާމު ކުރިއަރާ، އިތުރު އެއާޕޯޓެއް ކަމަށެވެ.
ލ. އަތޮޅުގައި މިހާރު އެއާޕޯޓެއް އޮންނަނީ އެ އަތޮޅު ކައްދޫ ގައެވެ.



