އަހަރުގެ މިހާތަނަށް ރިސޯޓުތަކުގައި 7 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ، ރާއްޖެ އައި ފަތުރުވެރިންގެ %71.8 އެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް މިލިޔަނަށްކަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އެއީ 1،036،558 ފަތުރުވެރިންނެވެ.
ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ، ރިސޯޓުތަކުގައެވެ. އެގޮތުން ރިސޯޓުތަކުގައި 727،709 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިއެވެ. ރާއްޖޭގައި މިވަގުތު 179 ރިސޯޓެއް އަންނަނީ، އޮޕަރޭޓް ކުރަމުންނެވެ. ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތްދޭ އެނދުގެ އަދަދުގެ %67 ހިއްސާކުރަނީ ރިސޯޓްތައްކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކުރީ، ގެސްޓްހައުސްތަކުގައެވެ. އެއީ، 238،417 ފަތުރުވެރިންނެވެ. ރާއްޖޭގައި މިވަގުތު 923 ގެސްޓްހައުސް އަންނަނީ، އޮޕަރޭޓް ކުރަމުންނެވެ.
މި މުއްދަތުގައި ހޮޓެލްތަކުގައި 24،978 ފަތުރުވެރިން، ސަފާރީ އުޅަނދުތަކުގައި 21،008 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.




