ސަލްޓަންޕާކުގައި ހުންނަ ތާރީހީގެ، އުސްގެކޮޅުގައި ގްރެފިޓީ ކުރަހައި އެތަނަށް ގެއްލުންދިން މައްސަލައެއް ބަލަމުން އަންނަ ކަމަށް ހެރިޓޭޖް މިނިސްޓްރިން މިއަދު ބުނެފިއެވެ.
މިނިސްޓްރީން ބުނީ ރާއްޖޭގެ ރަސްކަމުގެ ބޮޑުގަނޑުވަރުގެ މިހާރު ހުރި ހަމައެކަނި ބައިކަމަށްވާ އުސްގެކޮޅުގެ ފާރުތަކުގައި ގްރެފިޓީ ކުރަހައި ތަނަށް ގެއްލުންދޭން ބަޔަކު މަސައްކަތްކޮށްފައިވާކަން ސަމާލުކަމަށް އައިސްފައިވާ ކަަމަށެވެ.
އެހެންވެ، ފުލުހުންނާ ގުޅިގެން އެކަން ހިނގާދިޔަ ގޮތާއި ޒިންމާވާ ފަރާތްތައް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ.
މިނިސްޓްރީން ބުނީ ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު، އެ ކަމުގައި ޒިންމާވާ ފަރާތްތަކާ މެދު ސަގާފީ ތަރިކައިގެ ގާނޫނާ އެއްގޮތަށް ފިޔަވަޅު އަޅާނެ ކަމަށެވެ.
އެތަނަށް ބަޔަކު ގެއްލުންދިންއިރު މިއީ ތަޅުލާފައި ހުންނަ ތަނެކެވެ. އަދި ސަލްޓަން ޕާކުގެ އެތެރެއަކީ ކެމެރާ ވެސް ހަރުކޮށްފައި ހުންނަ ތަނެކެވެ.
އުސްގެކޮޅުގައި އިންޓްރެކްޓިވް މިޔުޒިއަމެއް ހަދަން މި ސަރުކާރުން ނިންމާފައިވާއިރު އެ ބަދަލަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެތަނަށް ގެންނަވަން ބޭނުންފުޅުވާ ބަދަލެއް ކަމަށް ކުރީގެ މިނިސްޓަރު އާދަމް ނަސީރު ވިދާޅުވެފައިވެ އެވެ.
އެކަމަކު ހެރިޓޭޖް މިނިސްޓްރީން މިއަދު ބުނީ އެ މަޝްރޫއުއާ ގުޅިގެން އުސްގެކޮޅުގެ ތަޅުދަނޑި އާއި އެތަން ބެލެހެއްޓުމުގެ ކަންކަން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްދޭން މާލޭ ސިޓީ ކައުންސިލުގައި އެދިފައިވިޔަސް އެތަން މިނިސްޓްރީއާ ހަވާލުކޮށްފައިނުވާ ކަމަށެވެ.



