ޑޮލަރު ލިބުން މަދު ޓޫރިޒަމްގެ އޮފް-ސީޒަނާ ދިމާކޮށް ޑޮލަރު ހޯދުމަށް އެހީތެރިވުމުގެ ގޮތުން ބޭންކްތަކަށް އިތުރަށް 25 ޕަސެންޓް ޑޮލަރު ދޫކުރަން މަރުކަޒީ ބޭންކުން ނިންމައިފިއެވެ.
އެމްއެމްއޭއިން އެގޮތަށް އަމަލު ކުރަން ފަށާނީ މިމަހުގެ 28 އިން ފެށިގެންނެވެ. އަދި ކުރިއަށް އޮތް ތިން މަހުގެ ކޮންމެ ހަފްތާއަކު ވެސް ބޭންކްތަކަށް ދޫކުރާނީ ޑޮލަރު އިތުރަށެވެ.
އެމްއެމްއޭ އިން ބުނީ، ބޭންކުތަކަށް ބޭރު ފައިސާ އިތުރަށް ދޫކުރުމަށް ނިންމީ، ޓޫރިޒަމުން ލިބޭ ބޭރު ފައިސާގެ މިންވަރު ދަށްވާ ދުވަސްވަރެއްގައި، ރާއްޖޭން ބޭރަށް ފޮނުވަންޖެހޭ ފައިސާގެ ޑިމާންޑް އެއްވަރެއްގައި ހުރުމުން ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ކަމަށެވެ. މިއީ ބޭންކިން ނިޒާމުގެ ތެރޭގައި އޮތް ބޭރު ފައިސާގެ ދަތިކަން ކުޑަކުރުމަށާއި، ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ޑޮލަރު ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމަށް މަރުކަޒީ ބޭންކުން އެޅި ވަގުތީ ފިޔަވަޅެކެވެ.
މިއަހަރުގެ ފުރަތަމަ ފަސް މަހު އެމްއެމްއޭއިން ވިޔަފާރިތަކަށް އަދި އާންމުންގެ އެކި ބޭނުންތަކަށް ބޭންކްތައް މެދުވެރިކޮށް ވިއްކާފައިވާ ބޭރުފައިސާ ވަނީ 2025 ވަނަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 72 ޕަސެންޓް އިތުރެވެ.
ބޭރު ފައިސާގެ ޑިމާންޑް އެންމެ ބޮޑަށް އިތުރުވެފައިވާ އެއް ދާއިރާއަކީ ބޭސްފަރުވާ އާއި ތައުލީމަށް ރާއްޖޭން ބޭރަށް ކުރާ ދަތުރުތަކެވެ. އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ބޭސްފަރުވާއަށާއި ތައުލީމަށް ބޭންކުތައް މެދުވެރިކޮށް ވިއްކި ބޭރު ފައިސާގެ މިންވަރު ވަނީ، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 78 ޕަސެންޓް އިތުރުވެފައެވެ.
ރާއްޖެއަށް ތެލާއި ކާޑު އަދި ބޭހާއި މެޑިކަލް އިކުއިޕްމަންޓް އެތެރެކުރުމަށް އެމްއެމްއޭ އިން ވިއްކި ބޭރު ފައިސާގެ އަދަދު ވަނީ މި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހު 30 ޕަސެންޓް އިތުރުވެފައެވެ.
އެމްއެމްއޭ އިން ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު މި އިތުރުކުރި ކުރުމުގެ ސަބަބުން، ޓޫރިޒަމްގެ އޮފް ސީޒަނުގައި ބޭރު ފައިސާގެ ތާށިކަން ކުޑަވެ، ކަސްޓަމަރުންގެ ބޭނުންތަކަށް ބޭންކުތަކުން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ހަރުދަނާވާނެ ކަމަށް އެ އިދާރާއިން ބުންޏެވެ. އޮފް ސީޒަންގެ އިތުރުން މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން މިދިޔަ ތިން މަހު ރާއްޖެއަށް ޓޫރިސްޓުގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.



