ދ.ކުޑަހުވަދޫން ފުރައިގެން އއ.ބޮޑުފުޅަދޫއަށް ދަތުރު ކުރަމުން ދަނިކޮށް ޚަބަރެއް ނުވެގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ހޯދަމުންދިޔަ ޑިންގީއާ ގުޅިއްޖެކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
އެމްއެންޑީއެފްއިން ބުނިގޮތުގައި، މި ޑިންގީގެ ޚަބަރެއް ނުވެގެން އެކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ)އަށް ލިބުނީ އިއްޔެ މެންދުރުފަހު 13:50 ހާއިރުއެވެ.
އެ މަޢުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ދިޔައީ އެ ޑިންގީ ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
އެގޮތުން، ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އިއްޔެ ރޭ 22:24 ހާއިރު، އެ ޑިންގީއާ ވަނީ ގުޅިފައިވާ ކަމަށާއި، އެ ޑިންގީގެ ފަޅުވެރިން މަޢުލޫމާތު ދިން ގޮތުގައި، ޑިންގީއާ ގުޅޭގޮތް ނުވީ އިންޖީނު ހުއްޓި ރޭންޖު ލިބޭ ސަރަހައްދުން ބޭރުގައި ޑިންގީ އޮތުމުން ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ. އަދި އެ ޑިންގީއާ ފަހުން ގުޅިފަައިވަނީ ރޭންޖު ލިބޭ ހިސާބަށް އެ ޑިންގީއަށް ވަދެވުމުން ކަމަށްވެސް ބުންޏެވެ.
އެމްއެންޑީއެފްއިން ބުނީ، ޑިންގީއާ ގުޅުމުން، އެ ޑިންގީ އޮތް ސަރަހައްދަށް އެމްއެންޑީއެފް ކޯސްޓްގާޑުން ގޮސް އޭގައި ތިބި ދެ މީހުންނަށް އެހީތެރިކަން ފޯރު ކޮށްދީ، މާލެ ގެނެސްދީފައިވާ ކަމަށާއި، ދެ މީހުންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.




