އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ދުވަސް (އެމްއެސްއެމްއީ ޑޭ) ފާހަގަކުރުމުގެ ގޮތުން، އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ އިސްނެގުމާއެކު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން މުޅި ރާއްޖެއަށް އަމާޒުކޮށްގެން ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ނިންމައިފިއެވެ.
މާދަމާ ފާހަގަކުރާ މިއަހަރުގެ އެމްއެސްއެމްއީ ދުވަހުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވިޔަފާރިތައް ކުރިއެރުވުމާއި، އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ.
މި ދުވަހާ ގުޅިގެން ބީސީސީން ހިންގާ ބިޒްނަސް ސެންޓަރުތައް މެދުވެރިކޮށް ”އެމް.އެސް.އެމް.އީ ބިޔޯންޑް“ ގެ ނަމުގައި ޚާއްޞަ ސެޝަންތަކެއް ކުރިއަށްގެންދާނެއެވެ. މި ސެޝަންތަކުގައި ވިޔަފާރިއެއް އަމަލީގޮތުން ފަށާނެ ގޮތުގެ މަޢުލޫމާތާއި، ކާމިޔާބު ވިޔަފާރިވެރިންގެ ތަޖުރިބާ ހިއްސާކުރުން އޮންނާނެއެވެ. މީގެ އިތުރުން ”އެމް.އެސް.އެމް.އީ ޕިޗް އަޕް” ގެ ނަމުގައި ތައާރަފުކުރި ހަރަކާތުގެ ދަށުން، ހޮވާލެވޭ އަށް ޓީމަކަށް ބިޒްނަސް ޕްލޭން ހެދުމާއި އުފެއްދުންތައް މާކެޓަށް ނެރުމަށް ބޭނުންވާ މެންޓަރިންގ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
އެސްއެމްއީ ޑިޖިޓަލް އާއި ބީސީސީ ގުޅިގެން އަންނަ ހޮނިހިރު ދުވަހު ކ. ހުރާގައި ޚާއްޞަ ޙަރަކާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ހެނދުނު 9:30 އިން ހަވީރު 4:00 އަށް ކުރިއަށްދާ މި ޙަރަކާތުގައި ވިޔަފާރިތަކަށް ހުރި މާލީ އެހީގެ ފުރުޞަތުތަކާއި ކުރިއެރުމަށް ބޭނުންވާ މުހިންމު މަޢުލޫމާތުތައް ފޯރުކޮށްދޭނެއެވެ. ހަމައެއާއެކު، ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 11:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ”އެމް.އެސް.އެމް.އީ ފެސްޓް“ބޭއްވުމަށް ވަނީ ނިންމާފައެވެ.
ހުޅުމާލޭގައި ބާއްވާ ފެސްޓިވަލްގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްސަ 30 ސްޓޯލެއް ހުންނާނެއެވެ. މީގެ އިތުރުން މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި، ކުޑަކުދިންނަށް ޚާއްސަ ކުޅިވަރުތަކުގެ އިތުރުން ކާބޯތަކެތީގެ ޚިދުމަތް ވެސް މި ފެސްޓިވަލްގެ ތެރެއިން ލިބިގެންދާނެއެވެ.
މި ދުވަހުގެ ހަރަކާތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން ”އެމް.އެސް.އެމް.އީ ޑޭ ލައިވް“ ގެ ނަމުގައި މުޅި ދުވަހަށް ބަހާލައިގެން ޚާއްސަ ޓީވީ ޕްރޮގްރާމްތަކެއް ބްރޯޑްކާސްޓް ކުރުމަށް ވެސް ވަނީ ރޭވިފައެވެ. މި ޕްރޮގްރާމްތަކުގައި ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި، ވިޔަފާރިވެރިންނަށް ހުރި ފުރުޞަތުތަކަށް އަލިއަޅުވާލާނެއެވެ.
ބީސީސީން ބުނި ގޮތުގައި މި ހުރިހާ ހަރަކާތްތަކެއްގެ މައިގަނޑު އަމާޒަކީ ވިޔަފާރީގެ ދާއިރާއަށް ޝައުޤުވެރިވާ ފަރާތްތަކަށް ބޭނުންވާ ފަންނީ އަދި މާލީ މަޢުލޫމާތު ފޯރުކޮށްދީ، ވިޔަފާރިތައް ބާރުވެރިކުރުވުމެވެ.




