ރޭގައި ކުޅުނު މެޗުގައި، އުސްމާން ޑެމްބެލޭ ކާމިޔާބު ކުރި ފީފާ ވޯލްޑް ކަޕްގެ ތާރީހުގައި ދެވަނައަށް އެންމެ އަވަސް ހެޓްރިކާ އެކު، 4-1 އިން ނޯވޭ ބަލިކޮށް ފްރާންސް ގްރޫޕްގެ އެއްވަނަ ހޯދައިފި އެވެ.
ނޮކްއައުޓް ބުރުގެ ފުރުސަތު ޔަގީން ވެފައި ވުމާ އެކު ނޯވޭގެ ކޯޗު ސްޓޮލޭ ސޮލްބަކެން ވަނީ މުޅި ޓީމު އެއްކޮށް ބަދަލު ކޮށްލައިފަ އެވެ. އާލިން ހާލަންޑާއި ކެޕްޓަން މާޓިން އޮޑެގާޑްގެ އިތުރުން ގޯލްކީޕަރަށް ވެސް ރޭގައި ވަނީ ރެސްޓް ދީފައެވެ.
ޑެމްބެލޭ ވަނީ ހަތްވަނަ މިނިޓުގައި ކިލިއަން އެމްބާޕޭގެ އެސިސްޓަކުން ފުރަތަމަ ގޯލު ޖަހައިފަ އެވެ. އަދި 20 ވަނަ މިނިޓުގައި ލީޑު ފުޅާ ކުރި ލަނޑު ޖަހައިދިނީ ވެސް އެމްބާޕޭގެ އެސިސްޓަކުންނެވެ. އޭގެ މިނިޓެއް ފަހުން، 21 ވަނަ މިނިޓުގައި ނޯވޭގެ ތެލޯ އާސްގާޑް އެ ޓީމަށް ފަރަގު ކުޑަ ކޮށްދީފައި ވަނިކޮށް ޑެމްބެލޭ ހެޓްރިކް ފުރިހަމަ ކުރީ 32 ވަނަ މިނިޓުގައި އޮރޭލިއަން ޗުއަމެނީ ދިން ބޯޅައެއް ގޯލުގެ ކަނަށް ފޮނުވާލައިގެންނެވެ.
މިހާތަނަށް ވޯލްޑް ކަޕްގެ އެންމެ އަވަސް ހެޓްރިކް ހަދާފައި ވަނީ 1954 ގައި އޮސްޓްރިއާގެ އެރިޗް ޕްރޮސްޓް އެވެ. އޭނާ ވަނީ 24 މިނިޓު ތެރޭ އެ އަހަރު ޗެކޯސްލޮވާކިއާ ކޮޅަށް ހެޓްރިކް ހަދައިފަ އެވެ.
ދެވަނަ ހާފު ފެށުނުތަނާ މާ ގިނައިރެއް ނުވެ ނޯވޭއަށް ވަނީ ލަނޑެއް ޖަހަން ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް ޖޯގެން ސްޓްރޭންޑް ލާސަން ފޮނުވާލި ޕެނަލްޓީ ކީޕަރު މައިކް މައިނާން ވަނީ ދިފާއު ކޮށްފައެވެ.




