ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ މުޅި މަޝްރޫޢުގެ މަސައްކަތްތައް ނިމުމާއެކު، ޕާކިންގެ މައްސަލައަށް ހައްލެއް ލިބިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ގެނެސްދިން ”ނޭޝަން ޗެޓް“ ޕޮޑްކާސްޓުގެ ދެވަނަ އެޕިސޯޑުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، މާލޭގެ މަގުތަކުގެ މައްސަލައަކީ މާލެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް އެންމެ އުނދަގޫވާ އެއް މައްސަލަކަމަށެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ، މައިގަނޑުގޮތެއްގައި މާލޭގެ މަގުތަކުގައި ދިމާވަނީ 3 މައްސަލައެއް ކަމަށެވެ. އެއީ މަގުތަކުގެ ފެންވަރު ދަށްވުމާއި، ޕާކިންގެ މައްސަލައާއި އަދި ފެންބޮޑުވުމުގެ މައްސަލަކަމަށެވެ.
މާލޭގެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، މާލޭ އުތުރުފަރާތުން ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމަށް މިހާރު ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ.
މާލޭ އުތުރުން ބޮޑުތަކުރުފާނުމަގު ތަރައްޤީކުރަނީ، މަގުން ބޭރަށް ހިއްކައިގެން، ދެކޮޅަށް ދުއްވޭގޮތަށް، ތާރު އަޅައި ޒަމާނީ ފެންވަރަށެވެ.
މި މަޝްރޫޢުގެ ތެރެއިން މިހާރު ކުރަމުންދަނީ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ސެގްމެންޓު 2،3،4 އަދި 5ގެ މަސައްކަތްތަކެވެ. އެއީ އިއްޒުއްދީން ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް އޮންނަ ސަރަޙައްދު ތަރައްޤީކުރުމުގެ މަސައްކަތެވެ.
ރައީސް ވިދާޅުވީ، އެ ސަރަޙައްދުގެ މަގު ތަރައްޤީކުރުމުގެ މަސައްކަތް ނިމުމާއެކު، ދެން ބާކީ އޮތް ސަރަޙައްދުގެ މަގު ހެދުމުގެ މަސައްކަތް ފެށޭނެކަމަށެވެ.
”އަޅުގަނޑު ޤަބޫލުކުރަނީ މިހާރު ހަދަމުން މިދާ ބައި ނިމިގެންދިޔައީމަ، ލިންކު ރޯޑުގެ ވަރަށް ބޮޑުބައި ނިމުނީކަމަށް. މިބައި ނިމުނީމަ ދެން އޮތްބައި ފަށާނީ.“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ، ބޭރުމަގު ތަރައްޤީކޮށް ނިމުމުން އެންމެ ބޮޑު ލުޔެއް ލިބޭނީ މާލޭގެ އެތެރޭގެ މަގުތަކުގައި ދުއްވާ ފަރާތްތަކަށްކަމަށެވެ. ތޮއްޖެހިފައިވާ މާލޭގެ ވަށައިގެންވާ ބޮޑު މަގަކީ، ދެކޮޅަށް ދުއްވޭ، ޒަމާނީ މަގުތަކަކަށް ވެގެންދިއުމަކީ މަގު ބޭނުންކުރާ ހުރިހާ ފަރާތްތަކަށްވެސް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.



