ހުޅުމާލޭގައި މަސްތުވެގެން މާރާމާރީ ހިންގި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، މިއަދު ހެނދުނު 6:05 ހާއިރު، ހުޅުމާލެ ފޭސް 1 ގެ އެޕާޓްމަންޓެއްގައި ހަމަނުޖެހުމެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓެއް ލިބުމާ ގުޅިގެން އެ ސަރަހައްދުގައި ހަރަކާތްތެރިވި ކަމަށެވެ.
މި މައްސަލައާ ގުޅިގެން އިންވެސްޓިގޭޝަން އޮފިސަރުންނާއި ސީން އޮފް ކްރައިމް އޮފިސަރުން އެ އެޕާޓްމަންޓް ބަލައި ފާސްކޮށް، ތަހުގީގަށް ބޭނުންވާނެ ހެކިތައް އެއްކުރި ކަމަށާއި އޭގެ ތެރޭގައި ބަނގުރާ ހުސްކޮށްފައި ހުރި ކަމަށް ބެލެވޭ ފުޅިތަކެއް ހިމެނޭ ކަމުގައި ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ. އެއީ އުމުރުން 26 އަހަރާއި 29 އަހަރުގެ ދެ އަންހެނުންނާއި އުމުރުން 34 އަހަރާއި 24 އަހަރުގެ ދެ ފިރިހެނުން ކަމުގައި ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.



