ޚަތީބުން ތަމްރީންކުރުމުގެ މަސައްކަތް މިއަދު ނުކޮށްފިނަމަ ހީ ނުކުރާވަރުގެ ގެއްލުމަކާއި އިސްލާމީ ގޮތުން ކުރިމަތިލާންޖެހިދާނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޒުވާން ޚަތީބުން ތަމްރީންކުރުމުގެ ހަތަރު ވަނަ ބުރުގެ ނިމުން ފާހަގަކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވަނީ ޚަތީބުން ބިނާކުރުމުގެ މަސައްކަތަކީ މިއަދު ކޮންމެހެން ކުރަންޖެހޭ މުހިންމު މަސައްކަތެއް ކަމަށް ފާހަގަކުރައްވާފައެވެ. ރާއްޖޭގެ ރަށްތަކުގައި އިމާމުން މަދުވުމާއި ޚުޠުބާ ކިޔާނެ މީހުން ނެތުން ފަދަ މައްސަލަތައް މިހާރުވެސް ދިމާވާކަމަށާއި އެކަމަށް ހައްލު ހޯދައިދިނުމަށް އެ މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
އިމާމުންނަށް ހެޔޮ ވިސްނުން ދެއްވުމަށް ކީރިތި ރަސޫލާ (ޞޢވ) ދުޢާކޮށްދެއްވާފައިވާ ކަމަށް ފާހަގަކުރައްވާ މިނިސްޓަރ ޝަހީމް ވަނީ ޚަތީބުންގެ މުހިންމުކަމަށް އަލިއަޅުވާލައްވާފައެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ އިމާމުކަމާއި، ބަންގި ގޮވުމާއި، ދީނުގެ ޙުކުމްތައް ބަޔާންކުރުމުގެ މަސްޢޫލިއްޔަތަކީ ވަރަށް މަތީ މަސްޢުލިއްޔަތުތަކެއް ކަމަށެވެ.
ޚަތީބުންނަކީ ތަފާތު މާތް ބައެއް ކަމަށާއި، ފޭރާން އެޅުމާއި ސުލޫކާއި، މުއާމަލާތުކުރުމުގައިއާއި އެހެނިހެން ގޮތްގޮތުން ބެލިޔަސް ޚަތީބުން ވާންވާނީ ނަމޫނާ ބަޔަކަށް ކަމަށް ވިދާޅުވިއެވެ. ޚަތީބުކަމަށް ވުރެ ވަކިން ބޮޑު ޝަރަފުވެރި މަސްޢޫލިއްޔަތެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.
”ގަޑިއަށް ކަމޭއްހިތުމާއި، ފަރުވާތެރިވުމާއި، ޚުޠުބާ ކިޔުމުގެ ކުރިން އެކަމަށް ފަރިތަކޮށް ތައްޔާރުވުން މުހިންމު. ހުތުބާ ކިޔާ އިރު ހަދީސްތަކާއި އާޔަތްތައް ރީތިކޮށް ތަޖުވީދުން ކިޔަން އާދަކުރަންވާނެ“ މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ.



