ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ހަވާލުކޮށްގެން ސަރުކާރުން ކުރިއަށްގެންދާ އެފޯޑަބަލް ހައުސިން މަޝްރޫއުގެ ދަށުން އިތުރު 710 ހައުސިން ޔުނިޓް އެޅުމަށް ނިންމާފައިވާ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުންދު ވިދާޅުވީ، މިހާރު ބީއެމްއެލްއާ ހަވާލުކޮށްފައިވާ 3,260 ޔުނިޓުގެ އިތުރުން، އަލަށް އިތުރުކުރާ 710 ޔުނިޓާ އެކު މި މަޝްރޫއުގެ ދަށުން ޖުމްލަ 4,000 އެއްހާ ހައުސިންގ ޔުނިޓް ބިނާކުރެވޭނެ ކަމަށެވެ.
މި އިތުރު ޔުނިޓްތައް ހަވާލުކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށްވެސް މުންދު ފާހަގަކުރެއްވިއެވެ.
”3260 މިހާރު އެވޯޑް ކުރެވުނީ، އަދި އިތުރު 710 ޔުނިޓް އެ ސްކޯޕްގެ ތެރެއަށް އެބަ ވެއްދޭ. އޭގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތްދަނީ ކުރިއަށް. އެހެންވީމަ ނިމޭއިރު ގާތްގަނޑަކަށް 4000 އެއްހާ ހައުސިން ޔުނިޓް އިމާރާތްކުރެވޭނެ،“ މުންދު ވިދާޅުވި އެވެ.
ތަރުޖަމާނު އިތުރަށް ވިދާޅުވީ، ބީއެމްއެލްއާ ހަވާލުކުރި މަޝްރޫއުތަކުގެ ތެރެއިން އެއް މަޝްރޫއު ފިޔަވާ އެހެން ހުރިހާ މަސައްކަތްތަކެއް ކޮންޓްރެކްޓަރުންނާ ހަވާލުކުރެވި، ޑިޒައިންގެ ކުރެހުންތައް މިހާރު ނިމިފައިވާ ކަމަށެވެ. މި މަޝްރޫއުތައް ހަވާލުކޮށްފައިވާ ކުންފުނިތަކުގެ ތެރޭގައި ޗައިނާގެ ސީއެމްއީސީ، ޗައިނާގެ ބީޔޫސީޖޭ، އަމީން ކޮންސްޓްރަކްޝަން، އާރްސީސީ އަދި އެފްޑަބްލިއު ކޮންސްޓްރަކްޝަން ހިމެނެއެވެ.
މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ދިވެހި ރައްޔިތުންނަށް ލުއި އަގުތަކެއްގައި ގެދޮރުވެރިކަން ކަށަވަރުކޮށްދިނުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. އެފޯޑަބަލް ހައުސިންގ މަޝްރޫއަކީ ލީސް-ޓު-އޯން މޮޑެލް ނުވަތަ ކުއްޔަށް ހިފުމަށްފަހު މިލްކުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މަޝްރޫއެކެވެ. މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ މާލީ ގޮތުން ދަތިތަކާ ކުރިމަތިލާންޖެހިފައިވާ އާއިލާތަކަށް، ބޭންކު މެދުވެރިކޮށް ލުއި ގޮތްތަކެއްގެ މަތިން ބޯހިޔާވަހިކަން ހޯދައިދިނުމެވެ.
މިގޮތުން ދޫކުރާ ޔުނިޓްތަކަކީ އާންމު މާކެޓަށްވުރެ އަގުހެޔޮ، އަދި ދިގު މުއްދަތަކަށް ބަހާލައިގެން ފައިސާ ދެއްކޭނެ އިންތިޒާމުތަކެއް ހަމަޖެހިފައިވާ ތަންތަން ކަމަށް ސަރުކާރުން ބުނެއެވެ.




