ސަރުކާރުގެ ސައިޒު ކުޑަކުރުމަށްޓަކައި ސިޔާސީ މުވައްޒަފުންގެ އަދަދު މަދުކުރުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ނިމި، މިހާރު އޮތީ ފިޔަވަޅު އެޅުމުގެ މަރުހަލާގައި ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
”ނޭޝަން ޗެޓް“ ޕޮޑްކާސްޓްގައި ވާހަކަދައްކަވަމުން ތަރުޖަމާނު ވިދާޅުވީ، ސިޔާސީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ (ޕާފޯމަންސް އިވެލުއޭޝަން) މަރުހަލާ މިހާރު ނިމުމަކާ ހަމައަށް އައިސްފައިވާ ކަމަށެވެ.
އަދި ދެން އޮންނާނީ އެއްކުރެވުނު މައުލޫމާތުތަކުގެ އަލީގައި މުވައްޒަފުން މަދުކުރުމުގެ އަމަލީ މަސައްކަތް ތަންފީޒުކުރުން ކަމަށް މުންދު ފާހަގަކުރެއްވިއެވެ.
”އިވެލުއޭޓްކުރަނީ ހަގީގަތުގައި ނީޑެޑް ކެޕޭސިޓީ ގެނައުމުގެ ނިޔަތުގައި، މިސާލަކަށް އެސްއޯއީތައް ވެއްޖެއްޔާ އޮންނާނެ ވަން ތާޑްކަމަށްބަލާފައި މަދުކުރުން ނުވަތަ އުނިކުރަން، ސަރުކާރުގެ ސިޔާސީ މަގާމުތައް ވަކި އަދަދަކަށް އަޅުގަނޑުމެން ތިރިކުރެވޭތޯ މަސައްކަތް ކުރަނީ، ދެން އެބައި އަންނާނީ، ދެން އަންނާނީ މައުލޫމާތުގެ އަލީގައި ތަންފީޒީ މަސައްކަތް ކުރުން،“. މުންދު ވިދާޅުވިއެވެ.
ސަރުކާރުގެ ސައިޒު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން، ސިޔާސީ މަގާމުތަކުގެ އަދަދު މަދުކުރުމަށް ނިންމި ނިންމުން ވަރަށް ހަރުކަށިކޮށް ތަންފީޒު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ ދާދިފަހުން ވިދާޅުވެފައެވެ.
ރައީސް ވިދާޅުވި ގޮތުގައި މިހާރުވެސް ފަސް މިނިސްޓްރީއެއް މަދުކޮށްފައިވާ އިރު، ކޮންމެ މިނިސްޓްރީއެއްގައި ތިބޭނެ ސިޔާސީ މުވައްޒަފުންގެ އަދަދު ކަނޑައެޅުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދެއެވެ.
މުވައްޒަފުން ވަކިކުރުމުގައި ބަލާނެ މިންގަނޑުތަކާ ބެހޭގޮތުން ރައީސް ވިދާޅުވީ، އެކަން ކުރާނީ ”ޕާފޯމެންސް ބޭސްޑް“ ކޮށް ކަމަށެވެ. އެގޮތުން ގަޑިއަށް ހާޒިރުވުމާއި، މަސައްކަތުގެ އަހުލާގާއި، މަސައްކަތުގެ ޒިންމާ އަދާކުރާ މިންވަރަށް ބަލައި، ސިޔާސީ މުވައްޒަފުންގެ އަދަދު ވަރަށް ބޮޑަށް މަދުކޮށް ސަރުކާރުގެ ހިންގުން ހަރުދަނާ ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.




