ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް އެންމެ އުއްމީދީ އަދި ވަރުގަދަ މަސައްކަތްތަކެއް ފައްޓަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ކަމަށް ހެލްތު މިނިސްޓަރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަކުރުމަށް މ. މުލަކުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރު ޤީލާ ވިދާޅުވީ، އާއްމު ޞިއްޙަތު ރައްކާތެރިކުރުމަށާއި ދުންފަތުގެ އިސްތިޢުމާލުކުރުން ފަދަ ނޭދެވޭ އާދަތަކުން ރައްޔިތުން ސަލާމަތް ކުރުމަށް ކުރީގެ އެއްވެސް ސަރުކާރަކުން ނުދެއްވާ ފަދަ ބޮޑު އަހައްމިއްޔަތުކަމެއް މި ސަރުކާރުން ދެއްވާ ކަމަށެވެ. މީގެ ކުރިން ދުންފަތް ކޮންޓްރޯލް ކުރުމުގެ މަސައްކަތުގައި އެންމެ ބޭނުންވާ ވަރަށް ކާމިޔާބީ ނުލިބުމަކީ އޮތް މާޔޫސްކަމެއް ނަމަވެސް، މިއަދު އެ ޙާލަތު ބަދަލުވެފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ދުންފަތުގެ ވަބާއިން މާދަމާގެ ޖީލު ސަލާމަތްކުރުމަށްޓަކައި ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ވަނީ މުހިންމު ފިޔަވަޅުތަކެއް އަޅާފައެވެ. އޭގެ ތެރޭގައި ޖެނެރޭޝަނަލް ބޭން ތައާރަފްކުރުމާއި، ވޭޕް އެތެރެކޮށް ވިއްކުން މަނާކުރުން ފަދަ ހަރުދަނާ ނިންމުންތައް ހިމެނެއެވެ.
”ދުންފަތް ކޮންޓްރޯލްކޮށް އަދާއި މާދަމާގެ ޖީލު ރައްކާތެރިކުރުމަށް ހަރުދަނާ ވަށާޖެހޭ އަދި ދެމެހެއްޓެނިވި ގިނަ ފިޔަވަޅުތަކެއް ސަރުކާރުން މިވަނީ ވޭތުވެދިޔަ 2 އަހަރުތެރޭގައި ތަންފީޒު ކުރަން ފަށާފައި. އޭގެ ހެޔޮ ނަތީޖާ މާތްﷲގެ އިރާދަފުޅާއެކު މާލަހެއް ނުވެ ފެނިގެންދާނެ،“މިނިސް ވިދާޅުވިއެވެ.
ދުންފަތުގެ ސިނާއަތުން ކުރާ އޮޅުވާލުންތަކަށް ރައްޔިތުން، ޚާއްޞަކޮށް ޒުވާނުން ހޭލުންތެރިކުރުވުމުގެ މަސައްކަތް އިތުރަށް ފުޅާކުރަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި މަސައްކަތްތައް ކުރިއަށް ގެންދަންވާނީ މިހާރުގެ ޙަޤީޤަތްތަކާ ގުޅޭގޮތަށް، އުފެއްދުންތެރި (ކްރިއޭޓިވް) ގޮތްތަކަކަށް ކަމަށްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ވަނީ 31 މޭއިގައި ސަރުކާރުން އިއުލާންކުރި ދުންފަތް ކޮންޓްރޯލް ކުރުމުގެ ޤައުމީ ކެމްޕޭން ރަސްމީކޮށް ފަށާފައެވެ. މި ކެމްޕޭނުގެ ދަށުން ހޭލުންތެރިކުރުވުމާއި، ދުންފަތުން ދުރުވާން ބޭނުންވާ ފަރާތްތަކަށްދޭ ސެޒޭޝަން ޚިދުމަތް ފުޅާކުރުމުގެ އިތުރުން، ޤާނޫނާއި ޤަވާއިދުތައް ތަންފީޒުކުރުމަށް މުއައްސަސާތަކާއި ޖަމްޢިއްޔާތަކާ ގުޅިގެން މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.




