މާލެ، ޓީޖެޓީގައި އޮތް ދޯންޏެއް އަޑިއަށްދާތީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.
ފުލުހުން ބުނީ، ޓީޖެޓީގައި އޮތް ދޯންޏެއް އަޑިއަށްދާ ކަމުގެ މައުލޫމާތު މިރޭ 19:31 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން މިހާތަނަށް ބެލިބެލުމުން ”ކުރިމަގު“ ނަމަކަށް ކިޔާ އެ ދޯނި އަޑިއަށް ގޮސްފައިވަނީ މުދާ ބަރުކޮށްގެން ވ. އަތޮޅަށް ދިއުމަށް ޓީޖެޓީން ނުކުތް ވަގުތު ދިޔަވާން ފެށުމުން، އަނބުރާ ބަނދަރަށް ވަތް ފަހުން ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ.
ފުލުހުން އިތުރަށް ބުނީ، މި ހާދިސާއާ ގުޅިގެން ދޯނި ފުންކުރުމުގެ މަސައްކަތް އެމްއެންޑީއެފްއާއި އެމްޕީއެލް އަދި ދޯނީގެ ވެރިފަރާތް ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ދަނީ ބަލަމުންނެވެ.




