އިންޑިއާގެ އެންމެ މަގުބޫލު އެއް ރިއަލިޓީ ޝޯ ”ބިގް ބޮސް 19“ ކާމިޔާބު ކުރި މަޝްހޫރު ޓީވީ އެކްޓަރު ގޯރަވް ކަންނާ އާއި އޭނާގެ އަންހެނުން އާކަންޝާ ޗަމޯލާގެ 10 އަހަރުވީ ކައިވެނި ނިމުމަކަށް އައިސްވާކަން ހާމަވެއްޖެއެވެ.
މިކަން ހާމަކޮށްފައިވަނީ މިހާރު ބައިވެރިވެފައިވާ ”ލޮކް އަޕް 2“ ޝޯގެ ޕްރިމިއަރ ގެ ތެރެއިންނެވެ.
އެ ޝޯގައި އާކަންޝާއަށް ”ސަޗް ޔާ ސަޒާ“ އިން އޮޕްޝަނެއް ނެގުމަށް ދިން ފުރުސަތުގައި އޭނާ ނެގީ ”ސަޗް“ އެވެ. އަދި ތެދެއް ބުނުމުގެ ގޮތުން އާކަންޝާ ބުނީ އޭނާއާއި ގޯރަވް ވަރިވާން އުޅޭ ކަމަށާއި ދެމަފިރިން އެއްކޮށް ނޫޅޭތާވެސް މިހާރު 1 އަހަރު ވެފައިވާ ކަމަށެވެ.
މި ޚަބަރު ގިނަ ބަޔަކަށް ޝޮކަކަށްވީނަމަވެސް، ބައެއް މީހުން އަންނަނީ އެކަމާ އުފާވެސް ފާޅުކޮށް ސޯޝަލް މީޑިއާގައި މިކަމާ ބެހޭގޮތުން ވަރަށް ވާހަކަ ދައްކަމުންނެވެ.
އެގޮތުން އެއްބަޔަކު ބުނެފައިވަނީ، އާކަންޝާއަކީ ދަރިން ހޯދަން ބޭނުން ނުވާ މީހަކަށް ވެފައި ގޯރަވް އަމިއްލަ ދަރިއަކު ބޭނުންވާތީ، ދެ މީހުން ވަކިވާން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށެވެ.
އިތުރު މީހަކު ބުނެފައިވަނީ، އާކަންޝާ ގޯރަވްއާ ވަރިވާން ބޭނުންވަނީ، އެހެން ފިރިހެން އެކްޓަރުންތަކަކާ ވަރަށް ބޮޑަށް ގައިގޯޅިވެގެން އޭނާ ކުޅުނު ވީޑިއޯ ލަވައަށް އާންމުންގެ ފަރާތުން ވަރަށް ބޮޑަށް ފާޑުކިޔުންތައް ލިބުމުން، އެފަދަ ވީޑިއޯ ކުޅޭއިރު މީހެއްގެ އަނބެއްގެ ގޮތުގައި ހުންނަން ބޭނުން ނުވާތީ ކަމަށެވެ.
މީގެއިތުރުން ބައެއް ބެލުންތެރިން ވަނީ ގޯރަވް ބައިވެރިވާ އެއްވެސް ޝޯއަކަށް ވެސް އާކަންޝާ ހިތްވަރު ނުދޭކަން ފާހަގަ ކޮށްފައެވެ. އެގޮތުން އޭނާ ކާމިޔާބު ކުރި ”މާސްޓަރ ޝެފް“ ޝޯއާއި ބިގްބޮސް ގެ ވެސް އެއްވެސް ޕޯސްޓެއް ވެސް އާކަންޝާ ހިއްސާ ކޮށްފައިނުވާ ކަމަށާއި ގޯރަވްއަށް ހިތްވަރުދީ ސްޓޯރީއަށް ވެސް އޭގެން ޕޯސްޓެއް ލާފައި ނުވާކަން ފޭނުން ވަނީ ފާހަގަ ކޮށްފައެވެ.
ނަމަވެސް މިދިޔަ އަހަރު ބިގްބޮސް ގެ ކާމިޔާބީ ފާހަގަކުރަން ހުރިހާ ބައިވެރިން ދުބާއީއަށް ކުރި ދަތުރުގައި އާކަންޝާ ވެސް ވަނީ ގޯރަވްއާ އެކީ ބައިވެރިވެފައެވެ. އަދި ގޯރަވްގެ އުފަން ދުވަހުގައި ބޭއްވި ބޮޑު ޚަފްލާގައި ވެސް ބައިވެރިވެ އާކަންޝާ ވަނީ އުފާފާޅުކޮށް މީޑިއާތައް ކުރިމަތީ ނަށަންވެސް ނަށާފައެވެ.



