ރާއްޖެއިން މުޅިން ނައްތާލާފައިވާ ހިމަބިހި އަލުން ފެތުރުން އިތުރުވަމުން ދާތީ، އެ ބަލިން ރައްކާތެރިވުމަށް 18 އަހަރުން ދަށުގެ ކުދިންނަށާއި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ވެކްސިން ދޭން ފަށައިފިއެވެ.
އެޗްޕީއޭން މިއަދު ވަނީ ހިމަބިހިން ރައްކާތެރިވުމަށް ދޭ އެމްއާރު ވެކްސިން މާލެ ސަރަހައްދުގައި ޖަހައިދޭ މަރުކަޒުތަކާއި ގަޑިތައް އާންމުކޮށްފައެވެ.
އެޗްޕީއޭން ބުނީ ވެކްސިން ޕްރޮގްރާމު ކުރިއަށް ގެންދާނީ ފޭސްތަކަކަށް ބަހާލައިގެން ކަމަށާއި ފުރަތަމަ ވެކްސިން ދޭނީ ސިއްހީ ހިދުމަތްތެރިންނަށާއި 18 އަހަރުން ދަށުގެ ކުދިންނަށް ކަމަށެވެ.
އެގޮތުން މި އުމުރުފުރާއަށް ވެކްސިން ދޭނީ މިއަދުން ފެށިގެން އަންގާރަ ދުވަހުގެ ނިޔަލަށް ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.
މާލެ ސަރަހައްދުގައި ވެކްސިން ޖަހައިދޭނީ މާފަންނުގައި ހުންނަ އާބަން ހެލްތު ކެއާ ކްލިނިކުގެ އިތުރުން ހުޅުމާލެ ހޮސްޕިޓަލް، ސެނެހިޔާ އަދި ވިލިމާލެ ހޮސްޕިޓަލުގައެވެ.
އަތޮޅު ތެރޭގައި ވެކްސިން ޖެހުމުގެ ހިދުމަތް ދޭނެ ވަގުތާއި ތާރީހު އާންކުރާނީ އެ ރަށެއްގެ ސިއްހީ ހިދުމަތްދޭ މަރުކަޒުންނެވެ.
އެޗްޕީއޭން އެންމެ ފަހުން އާންމުކުރި މައުލޫމާތަށް ބަލާއިރު މިހާތަނަށް 22 މީހަކަށް ހިމަބިހި ޖެހިގެން ވަނީ ރިޕޯޓުކޮށްފަ އެވެ.
މި ބަލީގެ ކޭސްތައް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.
ހިމަބިހީގެ އަލާމާތްތައް:
° ހުން އައުން
° ރޯގާ ޖެހުން
° ކެއްސުން
° ލޯ ރަތްވުން
° ހަމުގައި ރަތް ބިހިތަކެއް ނެގުން




