މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޭ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހަމަވާން ބާކީ އޮތީ ދެ ދުވަސް ކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.
އެމްއެމްއޭ ސްކޮލަރޝިޕް 2026 އަށް ކުރިމަތިލުމުގެ އެންމެ ފަހު ސުންގަޑިއަކީ މި މަހުގެ 30 ވާ އާދީއްތަ ދުވަހެވެ.
މި ސްކޮލަރޝިޕް ޕްރޮގްރާމަކީ ރާއްޖޭގެ މާލީ ދާއިރާ ތަރައްޤީކުރުމަށް ބޭނުންވާ މުހިންމު ދާއިރާތަކުން މެލޭޝިޔާގައި މަތީ ތަޢުލީމު ހާސިލުކުރުމަށް ދިވެހިންނަށް ހުޅުވާލެވިފައިވާ ފުރުޞަތެކެވެ. މިއަހަރުގެ ސްކޮލަރޝިޕްގެ ދަށުން ހަތަރު ދާއިރާއަކުން ކިޔެވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
ކިޔެވުމަށް ހަމަޖެހިފައިވާ ދާއިރާތައް:
-އެކައުންޓިންގ ދާއިރާއިން ފުރަތަމަ ޑިގްރީ (އޮނަރސް)
-ޤާނޫނީ ދާއިރާއިން މާސްޓަރސް ޑިގްރީ (އެކި ދާއިރާތަކުން)
-އިޤްތިޞާދީ ދާއިރާއިން މާސްޓަރސް ޑިގްރީ
-އިސްލާމިކް ފައިނޭންސް އަދި އެއާ ގުޅުންހުރި ދާއިރާތަކުން ޕީ.އެޗް.ޑީ
އެމްއެމްއޭއިން ހާމަކޮށްފައިވާ ގޮތުގައި ސްކޮލަރޝިޕްތަކަށް މީހުން ހޮވުމުގައި ބަލާނީ ތަޢުލީމީ ފެންވަރަށާއި ކަނޑައެޅިފައިވާ ޝަރުޠުތައް ފުރިހަމަވާ މިންވަރަށެވެ. އަދި ސްކޮލަރޝިޕް ކަށަވަރުވާނީ ކަނޑައެޅިފައިވާ ޔުނިވަރސިޓީތަކުން އެޑްމިޝަން ލިބުމުންނެވެ.
ވީމާ، މި ފުރުޞަތަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން 30 ޖޫން 2026 ގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމަށް އެމްއެމްއޭއިން އިލްތިމާސްކުރެއެވެ.
މި ސްކޮލަރޝިޕަށް އެދި ފޯމު ހުށަހަޅަންޖެހޭނީ އޮންލައިންކޮށް އެ އޮތޯރިޓީން ކަނޑައަޅާފައިވާ މި ލިންކު https://tinyurl.com/MMA2026Scholarship މެދުވެރިކޮށެވެ.




