އުރީދޫ މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ އެފްސީ 26 އީ-ސްޕޯޓްސް މުބާރާތް، ”އުރީދޫ ނޭޝަން ކަޕް 2026”ގެ ޗެމްޕިއަންކަން މުޙައްމަދު ޒަމީލް ޒިހުނީ ހޯދައިފިއެވެ.
މިއީ ފީފާ ވޯލްޑް ކަޕް 2026އާ ދިމާކޮށް އެ ކުންފުނިން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ބޭއްވި މުބާރާތެކެވެ.
މި މުބާރާތުގައި ރާއްޖޭގެ އެންމެ މޮޅު 48 އެފްސީ 26 ކުޅުންތެރިން ބައިވެރިވެފައިވާއިރު، ކޮންމެ ކުޅުންތެރިއަކު ވެސް ތަމްސީލުކޮށްފައިވަނީ ފީފާ ވޯލްޑް ކަޕް 2026ގައި ވާދަކުރާ 48 ގައުމުގެ ތެރެއިން ގައުމެކެވެ.
މުބާރާތުގެ ފައިނަލުގައި ދެކުނު ކޮރެއާ ތަމްސީލުކުރި މުހައްމަދު ޒަމީލް ޒިހުނީ ވަނީ މުޅި މުބާރާތުގައި ވެސް މޮޅު ކުޅުމެއް ދައްކައި ޗެމްޕިއަންކަން ކަށަވަރުކޮށްފައެވެ. މުބާރާތުގެ ރަނަރަޕް މަގާމު ސައުދީ އަރަބިއްޔާ ތަމްސީލުކުރި އަބްދުﷲ މާހިލް ހޯދިއިރު، ތިންވަނަ ހޯދީ އޮސްޓްރިއާ ތަމްސީލުކުރި ޒަކްވާން ޝިހާދެވެ.
ވަނަވަނައަށް ދިޔަ ފަރާތްތަކަށް ދެވުނު އިނާމުތައް
ޗެމްޕިއަންކަން ހޯދި ޒަމީލަށް ވަނީ 8,000 ރުފިޔާގެ ފައިސާގެ އިނާމާއި، މުބާރާތުގެ ތަށީގެ އިތުރުން ހައިސެންސް 75 އިންޗީގެ ޔޫއެޗްޑީ 4ކޭ ވިޑާ ސްމާޓް ޓީވީއެއް އަދި ވޯލްޑް ކަޕް ރެޕްލިކާއެއް ދީފައެވެ.
ރަނަރަޕް އަބްދުﷲ މާހިލަށް 5,000 ރުފިޔާގެ ފައިސާގެ އިނާމާއި، ތަށި އަދި ހައިސެންސް 65 އިންޗީގެ ސްމާޓް ޓީވީއެއް ދީފައިވާއިރު، ތިންވަނައަށް ދިޔަ ޒަކްވާން ޝިހާދަށް ވަނީ 2,000 ރުފިޔާގެ ފައިސާގެ އިނާމާއި، ތަށި އަދި ހައިސެންސް 55 އިންޗީގެ ސްމާޓް ޓީވީއެއް ހަދިޔާކޮށްފައެވެ.
އުރީދޫ ނޭޝަން ކަޕް ފަދަ ހަރަކާތްތައް މެދުވެރިކޮށް، އުރީދޫން އަންނަނީ ގޭމިން ދާއިރާގެ ހުނަރުވެރިންނަށް ފުރުސަތުތައް ފަހިކޮށްދީ، ރާއްޖޭގެ އީ-ސްޕޯޓްސް ދާއިރާ ކުރިއެރުވުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.
މީގެ އިތުރުން، މިއީ ފުޓްބޯޅައަށް ދިވެހިންގެ ހިތްތަކުގައި އޮތް ލޯބި އިތުރުކޮށް، އިޖުތިމާއީ ގުޅުން ބަދަހިކުރުމަށް ހުޅުވާލެވުނު ފުރުސަތެއް ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.



