ދިވެހި ފުލުހުންގެ 93 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މިރޭ މާލޭ، ސޯޝަލް ސެންޓަރު އިންޑޯ ހޯލުގައި ބޭއްވި މި ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންގެ ދެކަނބަލުންނާއި، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުގެ ދެކަނބަލުން، ދައުވަތު އެރުވިފައިވާ އިއްޒަތްތެރިން، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުން، ކޮމިޝަންޑު އޮފިސަރުން، ނަން-ކޮމިޝަންޑު އޮފިސަރުން އަދި އާންމު މުވައްޒަފުން ބައިވެރިވެލެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ރަސްމިއްޔާތަށް ވަޑައިގަތުމުން، ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އެ މަނިކުފާނަށް އޮނަރ ގަރޑް އެރުވުން އޮތެވެ. ޖަލްސާ ރަސްމީކޮށް ފެށިގެންދިޔައީ ކީރިތި ޤުރްއާން ކިޔެވުމާއެކު ދިދަ ހޮއިސްޓްކުރުމުންނެވެ.
މި ރަސްމިއްޔާތުގައި، ފުލުހުންގެ ޚިދުމަތަށް ރީތި ނަން ހޯދައިދެއްވި 7 މުވައްޒަފަކަށް ”ޕްރައިޑް އެންޑް މެރިޓް އެވޯޑް“ އަރުވާފައިވެއެވެ. ހަމައެއާއެކު، ދިވެހި ފުލުހުންގެ މަސައްކަތްތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ އާންމު 20 ފަރާތަކަށާއި މުއައްސަސާއަކަށް، ހަނދާނީ އައްޑަނައާއި، ހަނދާނީ ރަން ފިލާ އަދި ހަނދާނީ ފިލާ ވަނީ އަރުވާފައެވެ.
މި ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާގެ ކުލަ ހާސިލުކުރެއްވި 20 ފުލުހަކަށް ކުލަ ހަވާލުކޮށްދެއްވިއިރު، ރައީސުލްޖުމްހޫރިއްޔާގެ މެޑަލް ހާސިލުކުރެއްވި 7 ފުލުހަކަށް މެޑަލް އަރުވާފައިވެއެވެ.
އޭގެ އިތުރުން، 40 އަހަރަށްވުރެ ދިގު މުއްދަތަކަށް ފުލުހުންގެ ޚިދުމަތުގައި ދެމިތިއްބެވި ދެ ބޭފުޅެއްގެ ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ އަރުވާފައިވެއެވެ. އެ ބޭފުޅުންނަކީ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ނަޞީރު އިބްރާހީމާއި، ޕޮލިސް ސަރވިސް އެޑްމިނިސްޓްރޭޝަން ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޝަރީފެވެ.
ދިވެހި ގައުމަށާއި ފުލުހުންގެ ޚިދުމަތަށް ދިގު މުއްދަތަކަށް އިހުލާސްތެރިކަމާއެކު އަގުނުކުރެވޭ ފަދަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ތިން ބޭފުޅެއްގެ ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ހާއްސަ ހަނދާނީ ފިލާ އަރުވާފައިވެއެވެ.
އެ ބޭފުޅުންނަކީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަލްމަރުޙޫމް ޢަބްދުއްޝަކޫރު ޢަބްދުﷲއާއި، ކައުންސެލް ޖެނެރަލް އަލްމަރުޙޫމް އަލްއުސްތާޛު ޙަސަން ޙަމީދުގެ އިތުރުން ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ އިބްރާހީމް ލަޠީފެވެ.



