ރޭގައި ކުޅުނު މެޗުގައި، ފަހު ވަގުތު ކާމިޔާބު ކުރި ގޯލުން ދެކުނު އެފްރިކާ 1-0 އިން ބަލިކޮށް ކެނެޑާ ގަދަ 16 އަށް ދަތުރު ކޮށްފިއެވެ.
މިއީ ކެނެޑާ އާއި ދެކުނު އެފްރިކާ ވެސް ގުރޫޕް ސްޓޭޖް ފަހަނައަޅައި ނޮކައުޓް ބުރަށް ދަތުރު ކުރި ފުރަތަމަ ފަހަރެވެ.
ހަމަހަމަކޮށް ދިޔަ ފުރަތަމަ ހާފުގެ ފަހު ވަގުތު ކެނެޑާ އިން ވަނީ ދެކުނު އެފްރިކާގެ ގޯލަށް ނުރައްކާ ކޮށްފައެވެ.
އެގޮތުން 44 ވަނަ މިނެޓުގައި ނެގި ކޯނަރަކުން މޮއީސޭ ބޮމްބީޓޯ ބޮލުން ފޮނުވާލި ހަމަލާ، އެފްރިކާގެ ޑިފެންޑަރު އައުބްރޭ މޮޑީބާ ގޯލު ލައިން މަތިން ދިފާއު ކުރި އިރު، ރީބައުންސް ބޯޅަ ޓަޔޯން ބުޗްނާން ފޮނުވާލުމުން ކީޕަރު ރޮންވެން ވިލިއަމްސް ދިފާއު ކުރިއެވެ.
އޭގެ މިނެޓެއް ފަހުން ދެކުނު އެފްރިކާގެ ކުލީސޯ މުޑާއޫ، ކެނެޑާގެ ރިޗީ ލާޔެއާއަށް ފައުލް ކުރި ކަމަށް ބަލައި ރެފްރީ ޕެނަލްޓީއެއް ދޭން ފުރަތަމަ ނިންމި ނަމަ ވެސް ވީއޭއާރު ރިވިއު އަށް ފަހު ވަނީ ނިންމުން ބަދަލު ކޮށްފައެވެ.
މި މެޗުގެ 65 ވަނަ މިނެޓުގައި ކެނެޑާގެ ތާނީ އޮލުވަސޭޔީ ހޯދި ހުސް ފުރުސަތުގައި ފޮނުވާލި ބޯޅަ ދެކުނު އެފްރިކާގެ ކީޕަރު ވިލިއަމްސް ވަނީ ދިފާއު ކޮށްފައެވެ. އަދި ގޯލު ކުރިމައްޗަށް ބޯޅަ ހުސްވަނިކޮށް ޖޮނަތަން ޑޭވިޑް ބޯޅައަށް އެރުމުގެ ކުރިން އެފްރިކާގެ ޑިފެންޑަރު އެމްބެކެޒޭލީ އެމްބޮކާޒީ ވަނީ ކްލިއާ ކޮށްފައެވެ.
އަނިޔާގެ ސަބަބުން މުބާރާތުގައި އަދި މެޗެއް ނުކުޅެވި ހުރި ކެނެޑާގެ ކެޕްޓަން އަލްފޮންސޯ ޑޭވިސް މެޗުގެ ފަހު 15 މިނިޓަށް ވަނީ ކުޅެން އަރައިފަ އެވެ. އުމުރުން 25 އަހަރުގެ މި ކުޅުންތެރިޔާ އަކީ މި އަހަރުގެ ވޯލްޑް ކަޕްގެ އެންމެ ޒުވާން ކެޕްޓަނެވެ.
އޭނާ ކުޅެން ނުކުމެ ކެނެޑާ ކުރިއަށް ވުރެ ބޮޑަށް ކުރިއަށް ޖައްސައިގެން ކުޅެން ފަށައި ފޮނުވާލި ފުރަތަމަ ހަމަލާ ޕްރޮމިސް ޑޭވިޑް ފޮނުވާލުމުން ގޯލު އަރިމަތީ ކައިރިން ބޭރަށް ދިޔަ އިރު، ޖޮނަތަން ޑޭވިޑްގެ ހަމަލާއެއް ކީޕަރު ވިލިއަމްސް ވަނީ ދިފާއު ކޮށްފައެވެ.
ކެނެޑާ މޮޅުވި ލަނޑު، މެޗުގެ އިތުރު ވަގުތުގެ ފަސް މިނެޓުގެ ތެރެއިން ދެވަނަ މިނެޓުގައި ޖެހީ، ޑޭވިސް ނެތި ޓީމު ލީޑު ކުރި ކެޕްޓަން ސްޓެފަން ޔޫސްޓޭކިއޯ އެވެ.



