ސްރީލަންކާގައި ހަލުވިކަމާއެކު ޑެންގޫ ހުން ފެތުރި، މިހާތަނަށް ބަލި ޖެހުނު މީހުންގެ އަދަދު 50،000 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް އެގައުމުގެ ހެލްތް މިނިސްޓްރީން ހާމަކޮށްފިއެވެ.
މި ބަލީގައި މިއަހަރުގެ ތެރޭގައި މިހާތަނަށް 31 މީހަކު މަރުވެފައިވާ ކަމަށްވެސް ރަސްމީ ހިސާބުތަކުން ދައްކައެވެ.
ލަންކާގެ ނޭޝަނަލް ޑެންޖީ ކޮންޓްރޯލް ޔުނިޓުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ މިހާތަނަށް އެކަނިވެސް 19،318 މީހުންނަށް ވަނީ ޑެންގީ ޖެހިފައެވެ. މިއާއެކު މިއަހަރުގެ ފާއިތުވި 25 ހަފްތާގެ ތެރޭގައި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 53،159 އަށް އަރާފައެވެ.
މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ބަލި ޖެހޭ މީހުންގެ އަދަދު މަހެއްގެ މައްޗަށް 10،000 އަށްވުރެ ދަށުގައި ހުރި ނަމަވެސް، ފަހަކަށް އައިސް ބަލި ޖެހޭ މިންވަރު ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. ޚާއްޞަކޮށް އެގައުމުގެ ހުޅަނގު ސަރަހައްދުގައި ބަލި ފެތުރޭ މިންވަރު އިތުރުވެފައިވާއިރު، އެ ސަރަހައްދުން އެކަނިވެސް 27،833 މީހުންނަށް ބަލި ޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސްރީލަންކާގެ ކަމާބެހޭ އިދާރާތަކުން ދަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން، ތަންތަން ސާފުކޮށް ބެހެއްޓުމަށާއި، މަދިރި އުފެދޭނެ ފަދަ ތަންތަން ނައްތާލުމަށް އާންމުންނަށް ވަނީ އިލްތިމާސްކޮށްފައެވެ.



