މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި މި ދާއިރާއަށް އަލަށް ވަންނަން ޝައުޤުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން، ތުތި ބޯވަދިލަމަހުގެ މަސްވެރިކަމާއި ވިޔަފާރީގެ ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ނިންމައިފިއެވެ.
ރަށު ކައުންސިލްތަކާ ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމްތަކަކީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ސިންދަފާތުކޮށް، އައު ބާވަތްތަކުގެ މަސްވެރިކަން ތައާރަފްކުރުމަށް ކުރެވޭ މަސައްކަތުގެ ބައެކެވެ.
މި ތަމްރީން ޕްރޮގްރާމްތަކުގެ މައިގަނޑު މަޤުސަދަކީ މަސްވެރިކަމުގެ ދާއިރާއަށް ޒުވާނުން އަހުލުވެރިކުރުވުމާއި، މަހުގެ އަގުއެއްކުރި އުފެއްދުންތައް އިތުރުކޮށް އައު މާކެޓުތައް ހޯދުމެވެ. މީގެ އިތުރުން މަސްވެރިކަމުގެ ސިނާއަތުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމާއި، ރަށު ފެންވަރުގައި ތައްޔާރުކުރާ މަސްވެރި އުފެއްދުންތަކުގެ ފެންވަރު ރަނގަޅުކޮށް، އައު ބާވަތްތައް ތައްޔާރުކުރުމަށް ބޭނުންވާ ފަންނީ ހުނަރު ދަސްކޮށްދިނުން މި ޕްރޮގްރާމްގެ ތެރޭގައި ހިމެނެއެވެ.
މި މަޝްރޫޢުގެ ދަށުން މައިގަނޑު ދެ ދާއިރާއަކުން ކުރު ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ޑައިމަންޑް ބެކް ސްކުއިޑް ނުވަތަ ތުތި ބޯވަދިލަމަހުގެ މަސްވެރިކަން ކުރާނެ ގޮތުގެ ތަމްރީނާއި، އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމާއި ކުދި ވިޔަފާރި ހިންގާ ބެލެހެއްޓުމުގެ ތަމްރީނެވެ.
މި ތަމްރީންތައް އެ ރަށެއްގައި ހިންގުމަށް ޝައުޤުވެރިވާ ރަށު ކައުންސިލްތަކުން 15 ޖުލައި 2026 ގެ ކުރިން މަސްވެރިކަމާ ބެހޭ ވުޒާރާއަށް ސިޓީއަކުން ހުށަހަޅަންޖެހެއެވެ. ސިޓީ ހުށަހަޅާއިރު ކުރިއަށް ގެންދަން ބޭނުންވާ ތަމްރީނު ފާހަގަކުރުމުގެ އިތުރުން، ކައުންސިލްގެ ފަރާތުން މިކަމުގައި އިސްކޮށް ހަރަކާތްތެރިވާނެ ފަރާތެއްގެ މަޢުލޫމާތު ހިއްސާކުރުމަށްވެސް އެ ވުޒާރާއިން ވަނީ އެދިފައެވެ.
ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ބާނާ މަހުގެ ބޮޑު އިންސައްތައެއް އަގު އެއްކުރި އުފެއްދުންތަކުގެ ގޮތުގައި ބޭރުގެ ބާޒާރުތަކަށް ފޮނުވުމެވެ.
މިގޮތުން މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވައި، ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބޭނުންވާ ތަމްރީނާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.




