އަވަހާރަކޮށްލާފައިވާ އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ޖަނާޒާގައި ދިވެހިރާއްޖެއިން ބައިވެރިވާނެ ކަމަށް ދިވެހި ސަރުކާރުން ހާމަކޮށްފިއެވެ.
މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުޙައްމަދު ހުސައިން ޝަރީފް (މުންދު) އެވެ.
އެމެރިކާއާ އިޒްރޭލުން ދިން ޓެރަރިސްޓް ހަމަލާތަކެއްގައި އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލީ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ. އީރާނުން ކުރިން ނިންމާފައި އޮތީ މާޗް މަހުގެ ތެރޭގައި ޚާމަނާއީގެ ޖަނާޒާ ބޭއްވުމަށެވެ. ނަމަވެސް ހަނގުރާމަ ދިގުލައިގެން ދިއުމުގެ ސަބަބުން އެކަމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ.
ރަސްމީ އިއްޒަތުގައި ބޮޑު ރަސްމިއްޔާތަކާއެކު ޚާމަނާއީ ފަސްދާނުލުމަށް މިހާރު ހަމަޖެހިފައިވަނީ ޖުލައި މަހުގެ ނުވަވަނަ ދުވަހުއެވެ. ޖަނާޒާގެ ކަންކަން އޭގެ ހަތަރު ދުވަސް ކުރިން، ޖުލައި މަހުގެ ހަތަރުވަނަ ދުވަހު ފެށުމަށް ވަނީ ތާވަލުކޮށްފައެވެ.
މި ރަސްމިއްޔާތަށް ދުނިޔޭގެ އެކި ޤައުމުތަކުގެ ވެރިންނަށާއި، ވަކިން ހާއްސަކޮށް އިސްލާމީ ޤައުމުތަކަށް ވަނީ ދަޢުވަތު ފޮނުވާފައެވެ. މި ދައުވަތު ދިވެހިރާއްޖެއަށްވެސް ލިބިފައިވާކަން ސަރުކާރުން ވަނީ ކަށަވަރުކޮށްދީފައެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މުންދު މިއަދު ވިދާޅުވީ އެ ދަޢުވަތު ރާއްޖެއިން ޤަބޫލުކޮށް މަންދޫބަކު ފޮނުއްވާނެ ކަމަށެވެ.



