އަންނަ އަހަރުގެ ޖަނަވަރީ މަސް ނިމުމުގެ ކުރިން މުޅި ރާއްޖޭގައި އާރްޓީއެލް ވިއުގަ ގާއިމުކުރައްވައި، އެ ޚިދުމަތް ފެއްޓެވުމަށްޓަކައި ކުރައްވަންޖެހޭ އެންމެހާ ކަންކަން ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ.
މިހާރުވެސް އާރްޓީއެލްގެ ޚިދުމަތް އިތުރު އަތޮޅުތަކުގައި ފެށުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މުޅި ރާއްޖެ ގުޅާލުމުގެ މި ބޮޑު މަޝްރޫޢު ނިންމުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ޚާއްޞަ އިސްކަމެއް ދެއްވާފައެވެ.
މީގެ އިތުރުން، ސަރުކާރުގެ މަޝްރޫޢުތައް ވިލަރެސްކުރުމަށް ބޭނުންކުރާ ”ދުވެލި“ ޕޯޓަލް އާއި ފިނޭންސް މިނިސްޓްރީގެ ”ޕަބްލިކް އިންވެސްޓްމަންޓް މެނެޖްމަންޓް ސިސްޓަމް (PIMS)“ މި ހަފުތާގެ ނިޔަލަށް އަދާހަމަކޮށް، ކުރިއަށް އޮތް ތަނުގައި ވަގުތުން ވަގުތަށް މަޢުލޫމާތު އަދާހަމަކުރަމުން ގެންދިއުމަށްވެސް ވަނީ ނިންމަވާފައެވެ.
މަޝްރޫޢުތައް ހިންގުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްގައި ޚާއްޞަ ޓީމެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކޮންމެ ވުޒާރާއެއްގައި މަޝްރޫޢުތައް ދުވަހުން ދުވަހަށް ވިލަރެސްކުރާނެ ޚާއްޞަ ޔުނިޓެއް އުފެއްދުމަށްވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ. މީގެ ބޭނުމަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ވުޒާރާތަކަށް ދިމާވާ މައްސަލަތައް އަވަހަށް ދެނެގަނެ، އެކަންކަމަށް ޙައްލު ހޯދައިދިނުމެވެ.
އިމާރާތްކުރުމާއި ބޯހިޔާވަހިކަމާ ގުޅޭ މަޝްރޫޢުތައް އަވަސްކުރުމަށްޓަކައި، މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން، މަޝްރޫޢުތައް ހަވާލުކޮށްފައިވާ ކުންފުނިތަކާއި ފިނޭންސް މިނިސްޓްރީއާ ގުޅިގެން ޚާއްޞަ މަސައްކަތްތަކެއް ކުރުމަށްވެސް ވަނީ ނިންމާފައެވެ.
މީގެ އިތުރުން، އާންމު ރައްޔިތުންގެ ސަލާމަތަށްޓަކައި، އަތޮޅުތެރޭގައި ކެމިކަލް ގުދަންތައް ތަރައްޤީކުރުމުގެ ހުއްދަ ދޭނީ މީހުން ދިރިއުޅޭ ސަރަޙައްދާ ދުރު، ރައްކާތެރި ހިސާބުތަކުގައި އެކަނި ކަމަށްވެސް ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ބައްދަލުވުމުގައި ވަނީ ކަނޑައަޅުއްވާފައެވެ.



