އާއިލާތަކަށް ކުރިމަތިވާ އެކި މައްސަލަތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ހުނަރާއި ގާބިލުކަންހުރި މީޑިއޭޓަރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމްކުރުމަށް ކުރިއަށްގެންދިޔަ ތަމްރީން ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
”ނޭޝަނަލް ފެމިލީ މީޑިއޭޝަން ޓްރެއިނިންގ އޮފް ޓްރެއިނާސް“ ގެ ނަމުގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމަކީ އާއިލީ މައްސަލަތަކަށް ޤާނޫނީ އަދި އިޖުތިމާޢީ ނަޒަރަކުން ހައްލު ހޯދައިދިނުމަށް އަމާޒުކޮށްގެން ހިންގުނު ޕްރޮގްރާމެކެވެ.
މި ތަމްރީނު ޕްރޮގްރާމަކީ ޞިއްޙަތާއި، ޢާއިލާއާއި، އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާ އާއި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އާއި، ފެމިލީ ކޯޓު އަދި ޔުނިސެފް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. ހަތް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމް ޖުމްލަ 25 ބައިވެރިންވަނީ ކާމިޔާބީއާއެކު ފުރިހަމަކޮށްފައެވެ.
މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ، އާއިލީ މައްސަލަތަކުގައި ކޯޓުން ބޭރުގައި ވާހަކަދައްކައިގެން ސުލްހަވެރިކަމާއެކު ހައްލު ހޯދައިދޭނެ ޤާބިލު މީޑިއޭޓަރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާކުރުމެވެ. މީގެ އިތުރުން، ގައުމީ ފެންވަރުގައި ތަމްރީނުލިބިފައިވާ އާއިލީ މީޑިއޭޓަރުންގެ ވިއުގައެއް ބިނާކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުންވެސް މި ޕްރޮގްރާމުގެ ތެރޭގައި ހިމެނެއެވެ.
ތަމްރީނުގެ ތެރެއިން ބައިވެރިންނަށް މީޑިއޭޝަންގެ އަސާސްތަކާއި، މުޢާމަލާތުކުރުމުގެ ހުނަރުތަކާއި، މައްސަލަ ޙައްލުކުރުމުގެ އުކުޅުތަކުގެ އިތުރުން އަޚްލާޤީ މިންގަނޑުތަކަށް ވަނީ އަހުލުވެރިކޮށްފައެވެ. ޚާއްޞަކޮށް، އާއިލީ މައްސަލަތަކުގައި ކުޑަކުދިންގެ މަޞްލަޙަތު އިސްކުރުމަށް ބޭނުންވާ މުހިންމު ފަންނީ މަޢުލޫމާތުތައް ބައިވެރިންނަށް ފޯރުކޮށްދީފައިވެއެވެ.
މި ޕްރޮގްރާމް ބައްޓަންކޮށްފައިވަނީ ”ޗައިލްޑް އެންޑް ފެމިލީ ވެލްބީން ޕްރޮޖެކްޓް“ ގެ ދަށުން، ކުޑަކުދިންނާއި އަންހެނުންނަށް އާއިލީ ދިރިއުޅުމުގެ އެކި މަރުހަލާތަކުގައި ކުރިމަތިވާ ނާޒުކު ހާލަތްތަކާ ގުޅޭ ދިރާސާ ރިޕޯޓުގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށެވެ. އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އާއިލާތަކުގެ ނުތަނަވަސްކަމުގެ ސަބަބުން ކުޑަކުދިންނަށް ނޭދެވޭ އަސަރުތައް ކުރެއެވެ.
އެހެންކަމުން، މައްސަލަ ގޯސްވުމުގެ ކުރިން ހަރުދަނާ މުއާމަލާތްތަކުގެ ތެރެއިން ހައްލު ހޯދުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.
އިޖުތިމާޢީ ކަންކަމާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، މިއީ ރާއްޖޭގައި އާއިލީ ދުޅަހެޔޮކަން އިތުރުކުރުމަށާއި، ކޮންމެ ކުއްޖަކީވެސް ރައްކާތެރި، އޯގާތެރި މާޙައުލެއްގައި ބޮޑުވާ ކުއްޖެއްކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.



