މިދިޔަ ދެ އަހަރާއި ބައިގެ މުއްދަތުގެ ތެރޭގައި ރާއްޖެއަށް އެތެރެކުރަން އުޅުނު 324 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއީ އޭގެ ކުރީގެ ފަސް އަހަރާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ.
ކަސްޓަމްސްއިން އާންމުކޮށްފައިވާ ރިޕޯޓުތަކަށް ބަލާއިރު، 2019 އިން 2023 އަށް އަތުލައިގަނެވުނު މަސްތުވާތަކެއްޗަށްވުރެ، ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި އަތުލައިގަނެވުނު ތަކެތީގެ މިންވަރު ވަނީ ބޮޑުތަނުން އިތުރުވެފައެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، 2021 އިން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް އަތުލައިގަނެފައިވަނީ ޖުމްލަ 247 ކިލޯގްރާމްގެ މަސްތުވާތަކެއްޗެވެ. ނަމަވެސް 2024 ވަނަ އަހަރުން ފެށިގެން މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް އެކަނިވެސް 324 ކިލޯގްރާމްގެ މަސްތުވާތަކެތި ވަނީ އަތުލައިގަނެފައެވެ. މިއީ ކުރީގެ މުއްދަތާ އަޅާބަލާއިރު 77 ކިލޯގްރާމްގެ އިތުރުވުމެކެވެ.
މަސްތުވާތަކެތީގެ މައްސަލަތައް ރިޕޯޓްކުރެވުނު އަދަދަށް ބަލާއިރު، 2021 އިން 2023 އަށް ރެކޯޑް ކުރެވިފައިވަނީ 116 މައްސަލައެވެ. ނަމަވެސް 2024 އިން ފެށިގެން މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް މި އަދަދު ވަނީ 147 އަށް އަރާފައެވެ. މިއީ މައްސަލަތައް ރިޕޯޓްކުރެވުނު ނިސްބަތުން %27 އިތުރުވުމެކެވެ.
ކަނޑުމަގުންނާއި ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރާ މަސްތުވާތަކެތި އަތުލައިގަތުމަށްޓަކައި ކަސްޓަމްސްއިން ދަނީ ކަމާގުޅުންހުރި އެހެނިހެން އިދާރާތަކާ ގުޅިގެން ވަރުގަދަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.




