މި އަހަރުގެ މޭ މަހުގެ ތެރޭގައި ޒަކާތު ފަންޑަށް 7.59 މިލިއަން ރުފިޔާ ބަލައިގަނެ، އެ ފަންޑުން އެކި އެހީތަކަށާއި މަޝްރޫއުތަކަށް 2.7 މިލިއަން ރުފިޔާ ބަހާފައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ.
ޒަކާތު ހައުސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މޭ މަހު މުދަލު ޒަކާތުގެ ގޮތުގައި ޖުމުލަ 7,587,956.14 ރުފިޔާ ބަލައިގަނެފައި ވެއެވެ.
މިދިޔަ އަހަރުގެ މޭ މަހާ އަޅާބަލާއިރު، މިއަހަރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ އަދަދު ވަނީ 75.3 އިންސައްތަ އިތުރުވެފައެވެ. މިދިޔަ އަހަރުގެ މޭ މަހު ޒަކާތު ހައުސްއަށް ލިބިފައިވަނީ 4.33 މިލިއަން ރުފިޔާއެވެ.
ޒަކާތު ފަންޑުން މޭ މަހު އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ފަގީރުންނާއި މިސްކީނުންގެ ބަޔަށެވެ. އެގޮތުން ޖުމުލަ 1,483,960.50 ރުފިޔާ އެ ފަރާތްތަކަށް ދޫކޮށްފައިވެއެވެ. މީގެ ތެރޭގައި ބޭސްފަރުވާގެ އެހީއަށް ބޭނުންވި ފަރާތްތަކަށް ދޫކުރި 1,452,960.50 ރުފިޔާ އާއި ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ދަތިވެފައިވާ ފަރާތްތަކަށް ދޫކުރި 31,000.00 ރުފިޔާ ހިމެނެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި މަހު ދޫކުރި ޖުމުލަ ފައިސާގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ ތިންބައި ހޭދަކޮށްފައިވަނީ ބޭސްފަރުވާގެ އެހީއަށެވެ.
ތައުލީމީ، ދީނީ އަދި އިލްމީ މަސައްކަތްތަކަށް ފީސަބީލިﷲ ބައިން ޖުމުލަ 1,037,236.42 ރުފިޔާ ހޭދަކޮށްފައިވެއެވެ. މީގެ ތެރޭގައި ގުރުއާން ހިތުދަސްކުރުމުގެ ޕްރޮގްރާމްތަކަށާއި ގުރުއާނުގެ އިލްމު ފެތުރުމަށް 753,239.02 ރުފިޔާ، އިސްލާމީ ފޮތްތަކާއި ތައުލީމީ ތަކެތި ތަރުޖަމާކުރުމަށް 246,989.40 ރުފިޔާ، އަދި މަތީ ތައުލީމު ހާސިލުކުރާ ފަރާތްތަކަށް އެހީތެރިވުމަށް 37,008.00 ރުފިޔާ ހިމެނެއެވެ.
ޒަކާތު ހައުސްއިން ފާހަގަކުރި ގޮތުގައި މި މަސައްކަތްތަކަކީ އިސްލާމީ އިލްމު ކުރިއެރުވުމަށާއި، ތައުލީމަށް އެހީތެރިވުމުގެ އިތުރުން ދީނީ މައުލޫމާތު އާންމުންނަށް ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެކެވެ.



