އޫރީދޫ މެދުވެރިކޮށް ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ތައާރަފުކުރިފަހުން، މިހާތަނަށް މަދުވެގެން 3،280 ސްޓާޓްއަޕަކުން އެ ޚިދުމަތާ ލިންކުކޮށްފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން މިނިސްޓަރު ސަޢީދު ވިދާޅުވީ، ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ތައާރަފުކުރެވުނީ ސަރުކާރުން ކުރި ބުރަ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ. އަދި ޕޭޕަލްއިން ރާއްޖޭގައި ޚިދުމަތް ދިނުމަށް ބައިވެރިއެއްގެ ގޮތުގައި އޫރީދޫ އިޚުތިޔާރުކުރުމަށްފަހު، އެ މަސައްކަތްތައް ކުރިއަށްދިޔައީ ސަރުކާރާއި ޕޭޕަލް އަދި އޫރީދޫ ގުޅިގެން ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ޕޭޕަލްގެ ޚިދުމަތާ ގުޅޭގޮތުން ފެތުރެމުންދާ ބައެއް ވާހަކަތަކަށް ރައްދު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެ ޚިދުމަތް ރާއްޖެއަށް ނުލިބޭކަމަށް ދައްކަން މަސައްކަތްކުރަނީ ސިޔާސީ މަގުސަދެއްގައި ކަމަށެވެ.
”ތަންކޮޅެއް ހިޔާލު ތަފާތު ސިޔާސީ ފަރާތްތަކުން، ޕޭޕަލް ރާއްޖެއަށް އައިމަ ’އުނހޫ ޕޭޕަލް ނުގެނެވޭނެ‘ އެހެން ވިދާޅުވަން އުޅޭހެން އަޅުގަނޑަށް ހީވަނީ. އެކަމަކު ޕޭޕަލް ރާއްޖޭގައި މިހާރު ހުރީ،“ މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ހާމަކުރެއްވި ގޮތުގައި، ޕޭޕަލް ޚިދުމަތް ތައާރަފުކުރިފަހުން މިހާތަނަށް 3،280 ސްޓާޓްއަޕުން ޕޭޕަލްއާ ލިންކުކޮށްފައިވާއިރު، އަލަށް 2،159 ވޮލެޓު އެކްޓިވޭޓުކޮށް ބޭނުންކުރަން ވަނީ ފަށާފައެވެ. މިއީ ރާއްޖެ ފަދަ ކުޑަ ގައުމަކަށް މި ޚިދުމަތް ލިބޭނެކަމާމެދު ޝައްކު އުފެއްދި ފަރާތްތަކަށް ލިބުނު ޖަވާބެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޚިދުމަތުގެ ކުރިމަގާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިހާރު މި ފެށުނީ ފެށުމެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި ޕޭޕަލްގެ މަންސައިން ފޯރުކޮށްދޭ އިތުރު ޚިދުމަތްތަކާއި އިޚުތިޔާރުތައް ވަގުތާއެކު ތައާރަފުކުރަމުންދާނެ ކަމަށެވެ.



