ބ. ތުޅާދޫގައި ގާއިމުކުރާ ކަލްޗަރަލް ސެންޓަރުގެ އަމަލީ މަސައްކަތްތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ރަސްމީކޮށް ފަށައިފިއެވެ.
މި މަޝްރޫއުގެ ކުރިއެރުމާ ގުޅޭގޮތުން އެމްޓީސީސީއިން ބުނީ، މިހާރު އިމާރާތުގެ ފައުންޑޭޝަންގެ މަސައްކަތްތައް މުޅިން ނިމިފައިވާ ކަމަށެވެ.
އަދި މިހާރު ކުރިއަށްދަނީ އިމާރާތުގެ ތަނބުތައް ޖެހުމުގެ މަސައްކަތް ކަމަށްވެސް އެ ކުންފުނިން މައުލޫމާތު ދީފައިވެއެވެ.
ތުޅާދޫ ކަލްޗަރަލް ސެންޓަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. މި މަޝްރޫއަކީ 24.4 މިލިޔަން ރުފިޔާހަރަދުކޮށްގެން 420 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަސައްކަތެކެވެ.
މި މަސައްކަތަކީ އިކޮނަމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން، ރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ގާއިމްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްދާ މަޝްރޫއެކެވެ. މީގެ މައިގަނޑު މަގްސަދަކީ ދިވެހިންގެ އުފެއްދުންތެރިކަން އިތުރުކޮށް، ސަގާފީ މަސައްކަތްތައް ދިރުވައި އާލާކުރުމެވެ.
ކަލްޗަރަލް ސެންޓަރު އެޅުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ރައީސް ޑރ. މުޢިއްޒު ބ. އަތޮޅަށް ކުރެއްވި ދަތުރުފުޅެއްގައި ތުޅާދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމުގެ ތެރެއިންކަން ފާހަގަކޮށްލެވެއެވެ.



